ލ.މާވަށު ކައުންސިލްގެ ރައީސްކަމުގެ ގޮނޑި ޕީޕީއެމްގެ ކެންޑިޑޭޓް އަހުމަދު މޫސާ ކާމިޔާބުކޮށްފިއެވެ.
އަހްމަދު މޫސާ އެ މަގާމު ކާމިޔާބުކުރެއްވީ މި މަހު 10 ވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިހާބުގައި މައްސަލަ ޖެހުނު މާވަށު ވޯޓު ފޮށްޓާއި ގުޅިގެން މިއަދު ކުރިއަށްގެންދިޔަ އިންތިހާބުގައެވެ.
އެގޮތުން އަހުމަދު މޫސާ މަގާމަށް އިންތިހާބުވީ އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އަބްދުއްރަހްމާންއާ ވާދަކޮށް 26 ވޯޓުގެ ނަތީޖާއަކުންނެވެ. އަދި މާވަށު ކައުންސިލްގެ މެމްބަރުގެ ގޮނޑި ޕީޕީއެމްގެ ކެންޑިޑޭޓް އިބްރާހިމް އަބޫބަކުރު ވަނީ 11 ވޯޓުގެ ތަފާތަކުން ކާމިޔާބުކޮށްފައެވެ.
މިއާއެކު މާވަށު ކައުންސިލްގެ ފަސް ގޮނޑި ޕީޕީއެމުން ވަނީ ކާމިޔާބުކޮށްފައެވެ. އެ ކައުންސިލްގައި ދެން ހިމެނެނީ އެމްޑީޕީގެ މެމްބަރަކެވެ.
މި މަހުގެ 10 ވަނަ ދުވަހު ކުރިއަށް ދިޔަ ލޯކަލް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ އިންތިޚާބުތަކުގައި ވޯޓުލުމުގެ ހައްގު 273،128 މީހަކަށް ލިބިފައިވާ އިރު، އިންތިޚާބުގައި ވޯޓުލީ 186،253 މީހުންނެވެ.