Last Updated: April 20, 06:38
Saturday, April 20, 2024
ދުނިޔެ

ކޮވިޑަށް ފަރުވާދޭ ހޮސްޕިޓަލެއްގައި ރޯވެ 18 މަރު

އިންޑިއާގެ ގުޖުރާތުގެ ބަރުޗް ޑިސްޓްރިކްޓްގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި އިއްޔެ އަލިފާނުގެ ހާދިސާއެއް ހިނގާ އެތަނުގައި އެވަގުތު ކޮވިޑް ޖެހިގެން ފަރުވާދެމުން ގެންދިޔަ 16 ބަލި މީހުންނާއި 2 ނަރުހުން މަރުވެއްޖެއެވެ.

މަންޒަރު ދުށް ކަމަށް ބުނާ ނަރުހަކު ބުނި ގޮތުގައި ފުރަތަމަ އެމީހުންނަށް ފެނިގެން ދިޔައީ 5 ވަނަ ނަމްބަރު އެނދުގައި ބާއްވާފައި އޮތް މީހާގެ ވެންޓިލޭޓަރުން އަލިފާން ކަނި ފެންނަންފެށި ތަނެވެ. އަދި މާގިނަ އިރެއްނުވެ އޭގައި އަލިފާން ހިފާ މުޅި އައިސީޔޫއަށް އަލިފާންގަނޑު ފެތުރިގެން ދިޔަ ކަމަށް ވެސް އެ ނަރުހާއި ހަވާލާދީ އިންޑިއަން އެކްސްޕްރެސް އިން ރިޕޯޓް ކޮށްފައިވެއެވެ.

މަންޒަރު ދުށް ކަމަށް ބުނާ ނަރުސްމީހާގެ ޕީޕީއީގައި ވެސް އަލިފާން ހިފާ އޭނާގެ ހަށިގަނޑުން ވެސް ވަނީ ބޮޑުބައެއް ފިހިފައެވެ. އަދި އޭނާއަށް މިވަގުތު ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. އަލިފާނުގެ ހާދިސާ ހިނގިއިރު ހޮސްޕިޓަލްގައި ފަރުވާދެމުން ގެންދިޔައީ ޖުމްލަ 57 ޕޭޝަނުންޓުން ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ. މަރުވި މީހުންގެ ތެރޭގައި 9 އަންހެނުން ހިމެނޭ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

މި ހާދިސާ ހިނގުމުން އާންމުންނާއި ފުލުހުން ހޮސްޕިޓަލްގެ ބިއްލޫރިތައް ތަޅާލުމަށްފަހު މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔައެވެ. އެ ގޮތުން ސަލާމަތްވި މީހުން މިހާރު ވަނީ ޕްރައިވެޓް ހޮސްޕިޓަލަކަށް ބަދަލުކޮށްފައެވެ.