Last Updated: April 26, 10:52
Friday, April 26, 2024
ކުޅިވަރު

ސަޕޯޓަރުންގެ މުޒާހަރާއާ ހެދި ޔުނައިޓެޑް-ލިވަޕޫލް މެޗު ފަސްކޮށްފި

މެންޗެސްޓަރ ޔުނައިޓެޑްގެ އޯނަރުންނާއި ދެކޮޅަށް އެ ކްލަބުގެ ސަޕޯޓަރުން މިއަދު ކުރި މުޒާހަރާއާ ގުޅިގެން ޕްރިމިއާ ލީގުގައި މިރޭ ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރަން ހަމަޖެހިފައި އޮތް މެޗު ފަސްކޮށްފިއެވެ.

މިރޭގެ މެޗު ފެށުމުގެ ކުރިން ޔުނައިޓެޑްގެ ސަޕޯޓަރުން ދިޔައީ މެޗު ކުޅުމަށް ހަމަޖެހިފައިވާ އޯލްޑް ޓްރެފޯޑުގެ ބޭރުގައި މުޒާހަރާ ކުރަމުންނެވެ. ނަމަވެސް ކުއްލިއަކަށް ދެން ފެނިގެންދިޔައީ ސަޕޯޓަރުން ދަނޑަށް ވަންނަން ދިމާކުރި މަންޒަރެެވެ. އެގޮތުން ސަޕޯޓަރުން ވަނީ ސެކިއުރިޓީ ފޫއަޅުވާލުމަށްފަހު ދަނޑަށް ވަދެގެނެ މުޒާހަރާ އެތަނުގައި ކުރިއަށްގެންދަން ފަށާފައެވެ. އެގޮތުގައި ގާތްގަނޑަށް 200 ސަޕޯޓަރުން ދަނޑު މަތީގައި ހަރަކާތްތެރިވެފައިވެއެވެ.

އަދި ސެކިއުރިޓީން އެމީހުން ދަނޑުން ބޭރުކުރި ނަމަވެސް އޭގެތެރެއިން ބައެއް މީހުން ވަނީ ފަހުން ވެސް ދަނޑަށް ވަދެފައެވެ.

މެޗު ފަސްކުރަން ނިންމިކަން ހާމަކުރަމުން ޕްރިމިއާ ލީގުން ބުނީ މި ނިންމުމަކީ ފުލުހުންނާއި ދެ ކްލަބާއި އަދި އެހެނިހެން ވެސް ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރުމަށްފަހު ނިންމި ނިންމުމެއް ކަމަށެވެ.

މި މެޗު ދެން ކުޅޭނެ ތާރީހަކާއި މެދު މިހާރު އަންނަނީ މަޝްވަރާތައް ކުރަމުންނެވެ.

ޔުނައިޓެޑްގެ އޯނަރުންނާއި ދެކޮޅަށް އެ ކްލަބުގެ ސަޕޯޓަރުން މުޒާހަރާކޮށްފައި ވަނީ ޔޫރަޕިއަން ސުޕަރ ލީގުގައި ޔުނައިޓެޑުން ބައިވެރިވާން ނިންމި ނިންމުމާ ގުޅިގެންނެވެ. ސަޕޯޓަރުންގެ ޕްރެޝަރާއި ހެދި ޔުނައިޓެޑުން ވަނީ އެ ލީގުން ދާދިފަހުން ވަކިވެފައެވެ.