Last Updated: July 12, 05:49
Saturday, July 12, 2025
ޚަބަރު

ރައީސްގެ ފޯކަސް ހުރީ ވައުދުތައް ފުއްދަން، ނިޒާމު ބަދަލުކުރާކަށް ނޫން

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް - ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފޯކަސް މިވަގުތު ހުންނެވީ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަބްރޫކް ވިދާޅުވީ ރާއްޖެ މިވަގުތު އޮތް ހާލަތުގައި ރައީސް ފޯކަސް ކުރައްވައިގެން ހުންނެވީ ވެރިކަމުގެ ނިޒާމު ބަދަލުކުރައްވަން ނޫން ކަމަށާއި އެގޮތުން ރައީސްގެ ފޯކަސް ހުންނެވީ އިގްތިސާދު އާރާސްތުކޮށް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް ކަމަށެވެ.

ނަމަވެސް ވެރިކަމުގެ ނިޒާމު ބަދަލުކުރަން ގިނަ ބަޔަކު ބޭނުންވެ އަދި ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމާ ހަމައަށް އެކަމާ ގުޅޭ މަޝްވަރާތައްދާ ހިސާބުން އެކަން ކުރައްވަން ރައީސް ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

"މިވަގުތު ފޯކަސް އަކީ އެއީއެއް (ވެރިކަމުގެ ނިޒާމު ބަދަލުކުރުން) ނޫން ރައީސްގެ" މަބްރޫކް ވިދާޅުވިއެވެ.

ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކޮށް ބޮޑުވަޒީރެއްގެ ގޮތުގައި ގައުމު ހިންގަން ބޭނުންފުޅުވާކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަނީ ދަންނަވާފައެވެ. މިކަމާ ގުޅިގެން ރައީސް ވަނީ ވެރިކަމުގެ ނިޒާމަށް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ނަޝީދު އެދިވަޑައިގެންފައިވާއިރު، އެމަނިކުފާނަށް ތާއީދުކުރައްވާ ސަޕޯޓަރުން މިހާރު އަންނަނީ ބަރުލަމާނީ ނިޒާމު ގެންނަން ސޯޝަލް މީޑިއާގައި ކެމްޕެއިން ކުރަމުންނެވެ.