Last Updated: April 25, 18:10
Thursday, April 25, 2024
ޚަބަރު ރައްޔިތުންގެ މަޖިލީސް

މަދަނީ އިޖުރާއަތުގެ ބިލު ލަސްވީ އޭޖީ އޮފީހުން ރަނގަޅު ބިލު ކޮމިޓީއަށް ނުފޮނުވުމުން: އިމްތިޔާޒް

މެމްބަރު އިމްތިޔާޒް ފަހުމީ-- ފޮޓޯ: ރައްޔިތުންގެެ މަޖިލިސް

މަދަނީ އިޖުރާއަތުގެ ބިލު ނުނިމި ލަސްވީ ބަންޑާރަނައިބުގެ އޮފީހުން ރަނގަޅު ބިލު ކޮމިޓީއަށް ފޮނުވުން ލަސްވެގެން ކަމަށް ކަމަށް އެ ބިލު ދިރާސާ ކުރާ ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިމްތިޔާޒް ވިދާޅުވީ ޖުޑިޝަރީ ކޮމިޓީއަށް މަދަނީ އިޖުރާއަތުގެ ބިލު ލިބިގެންދިޔައީ 12 ފެބްރުއަރީ 2020 ގައި ކަމަށެވެ.

ކޮމިޓީން މަދަނީ އިޖުރާއަތުގެ ބިލު ދިރާސާކުރަން ފެށީފަހުން ބަންޑާރަނައިބުގެ އޮފީޙުން ރިކުއެސްޓެއް ލިބުނުކަން ފާހަގަކޮށް އިންތި ވިދާޅުވީ މަޖިލީހަށް ފޮނުވިފައިވަނި ނުބައި ބިލެއް ކަމަށް ބަންޑާރަނައިބުގެ އޮފީހުން ބުނި ކަމަށެވެ. އަދ އެއާއެކު ކޮމިޓީގެ މަސައްކަތްތައް ހުއްޓުނު ކަމަށާއި، އަދި ރަނގަޅު ބިލު މަޖިލީހަށް ފޮނުވާނެ ކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ.

އެގޮތުން 14 ޖުލައި 2020 ގައި މަދަނީ އިޖުރާއަތުގެ ބިލުގެ ފުރަތަމަ ބައި އިސްލާހު ކުރުމަށްފަހު ބަންޑާރަނައިބުގެ އޮފީހުން ކޮމިޓީއަށް ފޮނުވި ކަމަށާއި، އެ ބައިގައި ހިމެނެނީ ފުރަތަމަ ދެ ބާބު ކަމަށް އިންތި ވިދާޅުވިއެވެ.

މީގެ އިތުރުން 13 އޮކްޓޫބަރު 2020 ގައި ބިލުގެ މަސައްކަތް އެއްކޮށް ނިންމަވާ ބިލު އެއްކޮށް 18 އޮކްޓޫބަރު 2020 ގައި ފޮނުއްވާނެ ކަމަށް ބަންޑާރަނައިބުގެ އޮފީހުން ޖުޑިޝަރީ ކޮމިޓީއަށް އެންގެވިކަމަށެވެ. އަދި އެ މުއްދަތަށްވެސް ރަނގަޅު ބިލު އެއްކޮށް ކޮމިޓީއަށް ނުލިބު ކަމަށާއި، އަދި އެކަމާ ގުޅިގެން ޖުޑިޝަރީ ކޮމިޓީން ނުހަނު ބޮޑަށް ކަންބޮޑުވިކަމަށް އިންތި ވިދާޅުވިއެވެ.

"ކޮމިޓީގައި މިކަމުގެ މަޝްވަރާ ވަރަށް ބޮޑަށްކޮށް އެއްދުވަހެއްގަ ރަސްމީ ނިންމުމަކުން ކޮމިޓީން ނިންމެވީ ބިލުގެ މަސައްކަތް އަޅުގަނޑުމެނަށް ކުރެވޭކަށެއް ނެތޭ، ބަންޑާރަނައިބު އޮފީހުން މި ބިލުގެ ރަނގަޅު ވާޝަން ނުފޮނުއްވުމުގެ ސަބަބުން. އެހެންވީމާ މިބިލު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން މިވަގުތު ދިރާސާ ކުރެވެން ނެތްކަމަށް ކޮމިޓީގެ މެމްބަރުންނަށް ފާހަގަކުރެވިގެން މި ބިލު ކޮމިޓީން ބޭރުކޮށްލުމަށް ރަސްމީ ނިންމުމެއް ނިންމަން ޖެހުނު. އަޅުގަނޑުމެންނަށް މަޖުބޫރުވީ…. ސަރުކާރު އެމްބެރެސްމެންޓަކަށް ގޮސްދާނެކަމަށްޓަކާ އަޅުގަނޑުމެން އެހިސާބަށް ނުގެންދިޔައީ އެ ބިލު ބޭރުކުރުމުގެ މަސައްކަތް." އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ ބަންޑާރަނައިބުގެ އޮފީހުން އެކި ތާރީހުތައް ބިލު ހުށަހެޅުމަށް ދެއްވި ކަމަށާއި، އެންމެ ފަހުން ރަނގަޅު ބިލު ލިބުނީ 4 ނޮވެމްބަރު 2020 ގައި ކަމަށެވެ. އަދި އެ ދުވަސްވަރަކީ ބަޖެޓްގެ މަސައްކަތް ކުރިއަށް ދިޔަ ދުވަސްވަރު ކަމަށާއި، އަހަރެއްހާ ދުވަސް ބޭކާރުވީ އަސްލު ބިލު ކޮމިޓީއަށް ނުލިބުމުގެ ސަބަބުން ކަމަށެވެ.

މިކަން މިގޮތަށް ހިނގާފައިވާއިރު ރައިސް އޮފީހުގެ ލީގަލް ކައުންސިލް ޖުޑިޝަރީ ކޮމިޓީ ބަދުނާމުވާގޮތަށް ދެއްކި ވާހަކަ ބަލައިނުގަންނާނެ ކަމަށާއި، އެވާހަކަތަކާ މެދު ކަންބޮޑުވާކަމަށް އިންތި ވިދާޅުވިއެވެ. އިންތި ވިދާޅުވީ ބައިބަޔަށް ބިލު ފޮނުވުމުން ދިރާސާ ކުރުމުގައި އުނދަގޫ ވާކަމަށާއި، އަދި ހިޔާލު ހޯދުމަށް ހުޅުވާލުމުގައި ވެސް ދަތިތަކާ ކުރިމަތިވާ ކަމަށެވެ.