Last Updated: July 7, 06:23
Monday, July 7, 2025
ޚަބަރު

ކިތަންމެ ވަރަކަށް ބަދުނާމު ކުރިޔަސް، ހައްޤު ހޯދާނަން: އިބުރާ

ކިތަންމެ ވަރަކަށް ބަދުނާމު ކުރިޔަސް ހައްޤު ހޯދާނެ ކަމަށް އެމްޑީޕީގެ ފުރަތަމަ ރައީސް އަދި މަންދު ކޮލެޖުގެ ޗެއާމަން އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވެއްޖެއެވެ.

އިބްރާ މިފަދައިން ވިދާޅުވެ ޓްވީޓް ކުރައްވާފައިމިވަނީ ރައީސް އޮފީހުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ވާހަކަތަކަށް ރައްދީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ވާހަކަތަކަކާއި ގުޅިގެންކަމަށް ބެލެވެއެވެ.

އެގޮތުން އިބުރާ ވިދާޅުވެފައިވަނީ އޭނާ ބަދުނާމުކުރަން އިންތި މަގާމުގެ ބޭނުން ކިތަންމެ ވަރަކަށް ކުރިނަމަވެސް ހައްގު ހޯދާނެ ކަމަށެވެ. އަދި މިއަދު އިންތި ދެއްކި ވާހަކަތަކަކީ ސާބިތުނުހިފޭ ގާނޫނާއި ހިލާފު ވާހަކަތަކެއްކަމަށް އިބްރާ ވިދާޅުވިއެވެ.

އިބްރާ ވިދާޅުވީ ހައްޤު ހޯދުމުގައި އޭނާ ވަރަށް ފަރިތަވާނެ ކަމަށާއި، ބިރަކީ ދަންނަ އެއްޗެއް ނޫންކަމަށެވެ. އަދި "ހަޔާތްކުޑަ ވާންވެއްޖެ ނަމަ" އެކަންވެސް ކުރާނެކަމަަށް އިބްރާގެ ޓްވީޓްގައިވެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު އިމްތިޔާޒް ފަހުމީ ވިދާޅުވީ، ރައީސްގެ ލީގަލް ކައުންސިލް އަހުމަދު އަބްދުﷲ އަފީފްގެ ވާހަކަފުޅުތަކުން ދޭހަވަނީ މަންދު ކޮލެޖްގެ ވެރިޔާ އިބްރާ ކުރެއްވި ޓްވީޓްތައް ތަފްސީލު ކޮށްދިންތަން ކަމަށެވެ. މީގެ އިތުރުން އިންތި ވިދާޅުވީ އިބްރާ ސޯޝަލް މީޑިއާގައި މަންދު ކޮލެޖަށް ބަދަލުދިނުމާއި ގުޅޭގޮތުން ސަރުކާރުން ބަސްބުނުމަށް އަދި ކަންކަން ސާފު ކޮށްދިނުމަށް ބުނެ ޓްވީޓް ކުރާ މަންޒަރު ފެންނަކަމަށެވެ. އެއާ ވިދިގެން ރައީސްގެ ލީގަލް ކައުންސިލް އަހުމަދު ނޫސްވެރިންނާއި ބައްދަލުކޮށް ވާހަކަ ދައްކާ މަޖިލީހުގެ ބޮލުގައި އިލްޒާމު އެޅުވީ މަންޒަރު ފެނުނު ކަމަށް ވިދާޅުވިއެވެ.

އިންތި ވިދާޅުވީ ކަންކަން ރަނގަޅަށް ބާލާލާއިރު ރައީސްގެ ލީގަލް ކައުންސިލަކީ މަންދު ކޮލެޖް ރެޕްރެޒެންޓް ކުރާ ލޯފާމްގެ ބޭފުޅެއް ކަމަށާއި، އަދި އެއީ މަންދު ކޮލެޖްގެ ވެރިޔާ އިބްރާގެ ޅިޔަނެއް ކަމަށެވެ. އަދި ސެޓުލްމެންޓް ކޮމިޓީގައިވެސް ރައީސްގެ ލީގަލް ކައުންސިލް އަހުމަދު ހިމެނޭކަން ފާހަގަކޮށް އިންތި ވިދާޅުވީ، މިކަންކަން މިހެން ހުރުމުން އަހުމަދު އަބްދުﷲ އަފީފްގެ އިންޓެގްރިޓީއާ މެދު ސުވާލު އުފެދޭ ކަމަށެވެ.