ޗައިނާއިން އެ ޤައުމުގެ މެރިޓައިމް ސޭފްޓީ އިދާރާތަކުގެ ބާރުތައް އިތުރުކޮށް ޤާނޫނެއް ފާސްކޮށްފިއެވެ.
ޗައިނާއިން މިފަދަ ޤާނޫނެއް ފާސްކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. އެކަމާއި ގުޅިގެން އޭޝިޔާގެ ގައުމުތަކާއި އެސަރަހައްދުގެ އެހެން ޤައުމުތަކުގެ މެދުގައި ވަނީ ނުތަނަވަސްކަން އިތުރުވެފައެވެ. މި ފާސްކުރި ޤާނޫނަށް އަމަލުކުރަން ފަށާނީ ސެޕްޓެމްބަރު އެއް ވަނަ ދުވަހު ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.
ޗައިނާއިން މެރިޓައިމް ސޭފްޓީ އިދާރާތަކުގެ ބާރުތައް އިތުރުކޮށް ޤާނޫނު ފާސްކުރުމުން އެކަމުގައި އެންމެ ބޮޑު ނުތަނަވަސްކަމެއް އުފިދައިފައިވަނީ ޖަޕާނާއި ޗައިނާއާއި ދެމެދުގައެވެ. އެކަން އެގޮތަށް މެދުވެރިވެފައިވަނީ މި ފާސްކުރި ޤާނޫނުގެ ސަބަބުން އަދި ޗައިނާއިން ސެންކަކު އައިލެންޑް އަކީ ޗައިނާގެ ޓެރިޓޯރިއަލް ވޯޓާގެ ތެރޭގައި ހިމެނޭ ބައެއްކަމަށް ދައުވާ ކުރުމާއި ގުޅިގެން އެސަރަހައްދުގައި ހަރަކާތްތެރިވާ ޖަޕާނުގެ އުޅަނދުފަހަރަށް ޗައިނާއިން އިތުރަށް ފާރަވެރިވާނެތީއެވެ.
ފެބްރުއަރީ މަހުވެސް ޗައިނާއިން ވަނީ އެ ޤައުމުގެ ސަރަހައްދުގައި ހަރަކާތްތެރިވާ ބޯޓުފަހަރުތަކުން ގާނޫނާއި ހިލާފުވާނަމަ ހަތިޔާރު ބޭނުންކުރުމުގެ ހުއްދަ އެ ގައުމުގެ ކޯސްޓްގާޑަށް ލިބިދޭގޮތަށްވެސް ގާނޫނެއް ފާސްކޮށްފައެވެ.
ފަހުން ފާސްކޮށްފައިވާ ޤާނޫނުގެ ސަބަބުން ޗައިނާގެ މެރިޓައިމް ސޭފްޓީ އިދާރާއަށް އެ ޤައުމުގެ ޓެރިޓޯރިއަލް ވޯޓާގެ ގޮތުގައި ދައުވާކުރާ ހިސާބުގައި އުޅޭ ބޯޓުފަހަރަކީ އެޤައުމުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިކުރުވާނެ ބޯޓުފަހަރު ކަމަށް ޤަބޫލުކުރެވޭނަމަ, ޓެރިޓޯރިއަލް ވޯޓާ ދޫކޮށް ދިނުއުމަށް އެންގޭނެއެވެ. އަދި ބަރީއަ ދަތުރުކުރުމަށް ބައިނަލްއަޤްވާމީ ޤާނޫނުތަކުން ލިބިދޭ ފުރުސަތުތައްވެސް ހިފެހެއްޓުމުގެ ބާރު އެ ޤައުމުގެ މެރިޓައިމް އިދާރާއަށް ވަނީ މި ގާނޫނުގެ ދަށުން ދީފައެވެ.
ޗައިނާއިން އަންނަނީ އިރު އަދި ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދު ބޮޑުކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ސެންކަކު އައިލެންޑް ހިމެނޭ ސަރަހައްދަކީ ޗައިނާގެ ސަރަހައްދެއްކަމަށް އެ ގައުމުން ދައުވާކޮށް އަންނަނީ އެ ސަރަހައްދުގައި އެ ޤައުމުގެ ސަލާމަތީ ބާރުތަކުގެ އަތްގަދަ ކުރަމުންނެވެ. އެހެންނަމަވެސް އެ ސަރަހައްދަކީ ޖަބާނާއި އެމެރިކާއިން އެއްބަސްވުމެއްގެ ދަށުން ބަލަހައްޓާގޮތަށް ހަމަޖެހިފައި އޮންނަ ސަރަހައްދެކެވެ.
2010 ވަނަ އަހަރު ސެންކަކު އައިލެންޑްގެ މައްސަލައިގައި ޗައިނާއާއި ޖަޕާނުން މަޝްވަރާތައްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އެހެންނަމަވެސް އެ ސަރަހައްދުގެ މައްސަލަ އިތުރަށް ހޫނުވީ 2012 ވަނަ އަހަރު ޖަޕާނުގެ ބޮޑުވަޒީރު އެސަރަހައްދަކީ ޖަޕާނުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބައެއް ކަމަށް ދައުވާ ކުރުމާގުޅިގެންނެވެ.