ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ ބޮޑު ބައެއް އޮތީ އާންމުންގެ އަތްމަތީގައި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެއެވެ.
ކޮވިޑް ކޭސްތައް ރާއްޖެއިން ރިކޯޑު އަދަދަކަށް ފެންނަމުންދާއިރު އެޗްޕީއޭ އިން ރޭ ވަނީ ބަލި ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އޭގެތެރޭގައި އޮފީސްތަކާއި ސްކޫލްތައް 10 ދުވަހަށް ބަންދުކުރުމާއި، މާލެ ސަރަހައްދުގައި ރޭގަނޑު 12 އިން ފަތިހު 4 އަށް ވެހިކަލް ދުއްވުން މަނާކުރުން ހިމެނެއެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.އަފްޒަލް ވިދާޅުވީ މިހާރު އަޅާފައި ހުރި ފިޔަވަޅުތަކަށް އާންމުން އާ ހިތްވަރަކާއެކު އިޖާބަދޭންޖެހޭ ކަމަށާއި އެގޮތުން މި ބަލި ކޮންޓްރޯލް ކުރުމުގެ ބޮޑު ބައެއް އޮތީ އާންމުންގެ އަތްމަތީގައި ކަމަށެވެ.
އަދި މާލެ ލޮކްޑައުނަށް ދިޔައިރު އާންމުންގެ އަމަލުތަކާއި ދިރިއުޅުމުގެ އާދަތަކަށް ގެނައި ބަދަލުތައް އަލުން ގެންނަންޖެހޭ ކަމަށާއި އެގޮތުން މީހުންނާއި ބައްދަލުކުރުމުގެ ބަދަލުގައި މިހާރު ވީހާވެސް ބޮޑަށް ފޯނު މެދުވެރިކޮށް އެފަދަ ކަންކަން ކުރިއަށް ގެންދަން އަފްޒަލް ވަނީ އިލްތިމާސްކޮށްފައެވެ.
މީގެއިތުރުން ރޯދަ ވީއްލުން ފަދަ ގިނަ އާންމުން އެއްތަނަކަށް އެއްވެ އުޅޭ ކަންކަމުން ދުރުހެލިވާންޖެހޭ ކަމަށާއި މާސްކު ވެސް އަޅަންޖެހޭ ގޮތަށް އަޅައިގެން އުޅުމާއި ގައިދުރުކަން ބެހެއްޓުމަށް ހާއްސަ އިސްކަމެއް ދިނުމަށްވެސް އޭނާ ވަނީ އިލްތިމާސްކޮށްފައެވެ.
ރާއްޖެއިން މިހާތަނަށް 31،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 6000 އިން މައްޗަށް އަރާފައެވެ. އަދި ހޮސްޕިޓަލުގައި 173 މީހަކަށް ފަރުވާ ދެމުންދާއިރު 74 މީހަކު ވަނީ ބަލީގައި ނިޔާވެފައެވެ.