Last Updated: April 25, 17:49
Thursday, April 25, 2024
ޚަބަރު

ކުރިއަށް ވުރެ ޓޫރިސްޓުންނަށް މިހާރު ރާއްޖެ މާ ރައްކާތެރިވާނެ

ކުރިއަށް ވުރެ ޓޫރިސްޓުންނަށް މިހާރު ރާއްޖެ މާ ރައްކާތެރިވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ މިހާތަނަށް ރިސޯޓުތަކުގައި މަސައްކަތް ކުރާ 99 ޕަސެންޓް މުވައްޒަފުންނަށް ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒު ދީފައިވާ ކަމަށާއި އަދި 25 ޕަސެންޓް މުވައްޒަފުން ދެ ޑޯޒު ފުރިހަމަކޮށްފައިވާ ކަމަށެވެ.

އަދި ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ކޮވިޑާއެކު މަސައްކަތް ކުރުމުގެ 9 މަހުގެ ތަޖުރިބާ ލިބިފައިވާ ކަމަށާއި އެއާއެކު ރާއްޖެ އަކީ ކުރިއަށް ވުރެ ފަތުރުވެރިންނަށް މިހާރު ރައްކާތެރި ތަނެއް ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

ޓޫރިޒަމް މިނިސްޓްރީން މިހެން ބުނިއިރު ރާއްޖެ އިން އަންނަނީ ރެކޯޑު އަދަދަކަށް މީހުން ޕޮޒިޓިވް ވަމުންނެވެ. އެގޮތުން އިއްޔެ ވެސް 600 އާއި ގާތްކުރާ އަދަދަކަށް މީހުން ޕޮޒިޓިވް ވެފައެވެ.

ކޮވިޑްގެ ކޭސްތައް އިތުރުވަމުން އަންނަތާ އެޗްޕީއޭ އިން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެޗްޕީއޭ އިން އެޅި ފިޔަވަޅުތަކުގެ ތެރޭގައި މާލެ ސަރަހައްދުގައި ރޭގަނޑު 12 އިން ފަތިހު 4 އަށް ވެހިކަލް ދުއްވުން މަނާކުރުމާއި، މާލެ ސަރަހައްދުގެ ސްކޫލްތަކާއި، ސަރުކާރުގެ ހުރިހާ އޮފީހެއް ވެސް ބަންދުކުރުމަށް ވަނީ ނިންމާފައެވެ. އަދި ޕާކުތަކާއި، ކުޅިވަރު ދަނޑުތަކާއި، ސްވިމިން ޓްރެކުތައް ބަންދުކުރުމަށާއި، މިސްކިތްތަކުގައި މާސްކު އެޅުމާއެކު ނަމާދު ކުރާއިރު ގައިދުރުކަން ބެހެއްޓުމަށް ވަނީ އަންގާފައެވެ.

އަދި ވެކްސިން ފުރިހަމަ ކުރުމުން ދަތުރުކުރުމަށް ދީފައިވާ ލުއި މެދުކަނޑާލުމުގެ އިތުރުން އިންޑިއާ އިން އަންނަ ދިވެހިންނާއި ވޯކް ޕާމިޓް ހޯލްޑާސް 14 ދުވަހަށް ކަރަންޓީނުވާން ވެސް މިހާރު ވަނީ އަންގާފައެވެ.

މި ނިންމުމަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ އިން ފެށިގެން މި މަހުގެ 15 ގެ ނިޔަލަށެވެ.