ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމަށް ހެލްތް މިނިސްޓްރީން އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންއާއެކު ހަދާފައިވާ އެއްބަސްވުން ބާތިލު ކުރުމަށް "ޓާމިނޭޝަން ނޯޓިސް" ފޮނުވައިފިއެވެ.
ބަންޑާރަނައިބުގެ އޮފީހުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލް ދެވަނަ ދުވަހު ހެދި އެއްބަސްވުމުގެ ދަށުން އެޑްވާންސް ޕޭމަންޓް ހަދާތާ 29 މަސައްކަތު ދުވަހުގެ ތެރޭގައި މުދާ ފޯރުކޮށްދޭންވާނެކަމުގައި ބަޔާންކޮށްފައިވީނަމަވެސް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެފަރާތުން މުދާ ފޯރުކޮށްދީފައި ނުވާކަމަށެވެ. އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ސަޕްލަޔަރ މުދާ ފޯރުކޮށްނުދީފިނަމަ އެއްބަސްވުން ބާތިލުކުރެވިދާނެކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާތީ، އެއްބަސްވުމުގައިވާ ގޮތަށް އެ ކުންފުނިން ހުރިހާ މުދާ ފޯރުކޮށްދީފައިނުވާތީ އެއްބަސްވުން ބާތިލުކުރުމުގެ ގޮތުން މޭ ދެވަނަ ދުވަހު ޓާމިނޭޝަން ނޯޓިސް، ހެލްތް މިނިސްޓްރީން ފޮނުވާފައިވާ ކަމަށް ބަންޑާރަނައިބުގެ އޮފީހުން މައުލޫމާތު ދީފައިވެއެވެ.
ބަންޑާރަނައިބުގެ އޮފީހުން ބުނެފައިވަނީ، އެއްބަސްވުން ބާތިލުކުރާ ދުވަހާ ހަމަޔަށް މުދާ ފޯރުކޮށްދީފައިނުވާނަމަ، އެ މުދާ ފޯރުކޮށްދިނުމަށް އެހާތަނަށް ދައްކާފައިވާ ފައިސާ އަނބުރާ ރައްދުކޮށްދޭންވާނެކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާކަމަށެވެ. އެހެންކަމުން އެޑްވާންސްކޮށް ދައްކާފައިވާ ފައިސާއާއި އެއްބަސްވުމާ އެއްގޮތަށް މުދާ ފޯރުކޮށްނުދިނުމުގެ ސަބަބުން ލިބިފައިވާ ސީދާ ގެއްލުމުގެ ބަދަލު އެ ކުންފުނިން ސަރުކާރަށް ނުދައްކައިފިނަމަ އެ ފައިސާ ހޯދުމުގެ މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ބަންޑާރަނައިބުގެ އޮފީހުން މައުލޫމާތު ދީފައިވެއެވެ.
"އެއްބަސްވުމުގައިވާ ގޮތުން، އެއްބަސްވުމުގެ ދަށުން އުފެދޭ މައްސަލަތައް ހައްލުކުރާނީ އާބިޓްރޭޝަން މެދުވެރިކޮށެވެ. އާބިޓްރޭޝަން ހިންގާ ތަނަކީ ދިވެހިރާއްޖެއެވެ. ޢަމަލުކުރެވޭނީ ދިވެހިރާއްޖޭގެ ޤާނޫނަށެވެ. އާބިޓްރޭޝަން ހިންގާނީ މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގައެވެ. އެއްބަސްވުމުގައިވާ ގޮތުން، މައްސަލަ ބަލާނީ 1 އާބިޓްރޭޓަރެވެ. މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގައި މައްސަލަ ބެލުމަށް ރަޖިސްޓްރީވެފައިވަނި ރާއްޖޭގެ ބޭރުގެ ތަޖުރިބާކާރު އާބިޓްރޭޓަރުންކަން ފާހަގަކުރަމެވެ." ބަންޑާރަނައިބުގެ އޮފީހުން ނެރެފައިވާ ނޫސްބަޔާނުގައިވެއެވެ.
ވެންޓިލޭޓަރު މައްސަލައިގައި ތުހުމަތުގެ އިނގިލި އަމީނަށް!
ރާއްޖެއަށް ގެނައުމަށް ދުބާއީގެ ކުންފުންޏާ ހަވާލުކުރި 75 ވެންޓިލޭޓަރަށް ބޭނުންވާ 90 އިންސައްތަ ފައިސާއަށްވާ، 30.9 މިލިއަން ރުފިޔާ އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ޕޭމަންޓް ގެރެންޓީއަކާނުލާ ހެލްތް މިނިސްޓްރީން ވަނީ ދައްކާފައެވެ. އަދި މައްސަލަ ހޫނުވުމުން ހެލްތް މިނިސްޓަރުގެ މަގާމުން އަބްދުﷲ އަމީން ވަނީ އިސްތިއުފާ ދެއްވާފައެވެ.
ވެންޓިލޭޓަރު މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރުމަށްފަހު އަމީން ހިމެނޭގޮތަށް 11 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ވަނީ ފޮނުވާފައެވެ. އޭގެތެރޭގައި ހިމެނެނީ ހެލްތް މިނިސްޓްރީގެ ސިޔާސީ ބައެއް ފަރާތްތަކާއި ބައެއް އިތުރު މުވައްޒަފުންނެވެ. އެހެންނަމަވެސް އޭސީސީން ފޮނުވި މައްސަލައިގައި އެކަށީގެންވާ ހެކި ނެތްކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނެރަލް ނިންމެނީ މައްސަލައިގައި ދައުވާ ނުކުރުމަށެވެ.
އެކަމުގައި ރައްޔިތުންގެ މަޖިލީހުން ކަންބޮޑުވުން ފާޅުކޮށް އެ މައްސަލަ އަލުން ރިވިއުކޮށްދިނުމަށް ޕީޖީގެ އަރިހުން އެދުމުން ނިންމެވީ މައްސަލައިގައި ރިވިއުކުރާނެ ތަނެއް ނެތްކަމަށެވެ. ޕީޖީގެ މި ނިންމުމާއެކު ގިނަބައެއްގެ ފާޑުކިޔުން ޕީޖީއަށް އަމާޒުވެ މަޖިލީހުގެ ފިއްތުންތައް އިތުރުވުމުން ޕީޖީވަނީ މައްސަލަ އޭސީސީއަށް ފޮނުވާ އަލުން ވަކިކަންތައްތަކެއް ބެލުމަށް ތަހުގީގު ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.
ވެންޓިލޭޓަރު މައްސަލައިގައި މިނިސްޓަރު އަމީން މަގާމުން އިސްތިއުފާ ދެއްވިއިރު، ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ބިޑް ކޮޮމިޓީގެ ޗެއާ ނިޝާމާ މުހައްމަދު އަދިވެސް ހުރީ މުސާރަ ލިބޭގޮތަށް ސަސްޕެންޝަންގައެވެ.
ވެންޓިލޭޓަރު މައްސަލަ އަދިވެސް އޮތީ ވަކި ކޮޅެއްގައި ނުޖެހިއެވެ.