Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ވެންޓިލޭޓަރު މައްސަލަ: ހެލްތްގެ ނައިބު ކަމުން ނިޝާމާއާއި ޝިޔާމާ ވަކިކޮށްފި

ވެންޓިލޭޓަރު މައްސަލައިގައި ސަސްޕެންޑް ކޮށްފައިތިބި ހެލްތް މިނިސްޓްރީގެ ދެ ނައިބުން ކަމަށްވާ ނިޝާމާ މުހައްމަދާއި ޝިޔާމާ މުހައްމަދު މަގާމުން ވަކިކޮށްފިއެވެ.

މައުލޫމާތު ލިބިފަިއވާ ގޮތުގައި މި ދެ ބޭފުޅުން މަގާމުން ވަކިކޮށްފައިވަނީ މިއަދުއެވެ. މި ދެބޭފުޅުންނަކީވެސް ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ދެ ބޭފުޅުންނެވެ.

ނިޝާމާ އާއި ޝިޔާމާ މަގާމުން ވަކިކުރި އިރު މުސާރަ ލިބޭގޮތަށް ސަސްޕެންޝަންގައި ތިބިއިރު، ވެންޓިލޭޓަރު މައްސަލައިގައި ނިޝާމާ އަދި ޝިޔާމާގެ މައްޗަށް ވެސް ދައުވާ ކޮށްދިނުމަށް އޭސީސީން މީގެ ކުރިން އޮތީ އެދިފައެވެ. ނިޝާމާއަކީ ހެލްތް މިނިސްޓްރީގެ ބިޑް ކޮމިޓީގެ ޗެއާއެވެ.

ވެންޓިލޭޓަރު މައްސަލައިގައި ބިޑް ކޮމިޓީއަށް ބޮޑެތި ތުހުމަތުތަކެއް!

ވެންޓިލޭޓަރުތަކުގެ މައްސަލައއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވަނީ ހެލްތް މިނިސްޓްރީގެ ބިޑް ކޮމިޓީއަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ.

ބިޑް ކޮމިޓީގެ ޗެއާ އަދި ޑެޕިއުޓީ މިނިސްޓަރު ނިޝާމާ ހިމެނޭ ގޮތުން އެ ކޮމިޓީގެ ހަތަރު މެންބަރުންގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީން މީގެ ކުރިން މި މައްސަލައިގައި އެދުނީ މާލިއްޔަތު ގަވާއިދުގައި ބުނާ ގޮތަށް ޑިއުޑިލިޖެންސާއި ޓެކްނިކަލް އިވެލުއުއޭޝަން ހެދުމެއް ނެތި ވެންޓިލޭޓަރުތައް ގަންނަން ބަޔަކާ ހަވާލުކުރަން ނިންމާފައިވާތީ އެވެ. އަދި މަސައްކަތް ހަވާލުކުރި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގެ ނަމުގައި ބިޑް ކޮމިޓީއަށް ކޮޓޭޝަނެއް ހުށަހެޅިފައި ނެތް ނަމަވެސް ޑރ. އަލީ ޓުކްމަޗީގެ ނަމުގައިވާ ހުށަހެޅުމެއް އިވެލުއޭޓްކޮށް ފަހުން ދުބާއީ ކުންފުނީގެ ނަމަށް ލިޔުންތައް ބަދަލުކޮށްފައިވާ ކަމަށް އޭސީސީން މައުލޫމާތުދީފަިއވެ އެވެ. ބިޑް ކޮމިޓީގެ މެންބަރުން އެގޮތަށް އަމަލުކުރީ، ޑރ. އަލީއަށް އެ މަސައްކަތް ހަވާލުކުރުމުގެ ނިޔަތުގައި ކަމަށް އޭސީސީން ބުނެފައިވެ އެވެ.

އެ މައްސަލައިގައި ބިޑް ކޮމިޓީގެ މެންބަރުންގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީއިން އެދުނީ ރަސްމީ ވާޖިބު އަދާކުރުމުގައި ހިންގާ އެކަށީގެންނުވާ އަމަލުގެ މާއްދާގެ ދަށުންނާއި ނަހަމަ ގޮތުގައި ރަސްމީ ހައިސިއްޔަތު ނުވަތަ މައުލުމާތު ބޭނުންކުރުމުގެ މާއްދާގެ ދަށުންނެވެ.

ވެންޓިލޭޓަރު މައްސަލައިގައި ނިޝާމާގެ ސިޓީއެއް ރައީސްއަށް!

ވެންޓިލޭޓަރު މައްސަލަ ހޫނުވެ ސަސްޕެންޑް ކުރިފަހުން މިދިޔަ އަހަރުގެ އޮގަސްޓް 19 ވަނަ ދުވަހު ނިޝާމާ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެޑްރެސްކޮށް ސިޓީއެއް ފޮނުވާފައެވެ.

ނިޝާމާ އެ ސިޓީ ފޮނުއްވާފައި ވަނީ ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ރައްކާތެރިކަން ފޯރުކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.

އެ ސިޓީގައި ނިޝާމާ ވިދާޅުވެފައި ވަނީ، ކޮވިޑް-19 އާ ގުޅިގެން ހެލްތް މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކުގެ ތެރެއިން އޮޑިޓް ރިޕޯޓްގައި ފާހަގަކުރައްވާފައިވާ މައްސަލަތަކުގައި މަސައްކަތްކޮށްފައި ވާނީ އެއްވެސް ނުބައި ނިޔަތެއް ނުވަތަ ގާނޫނާ ހިލާފު އެއްވެސް އަމަލެއް ކުރުމުގެ ނިޔަތުގައި ނޫން ކަމަށެވެ. އަދި އެކަންކަމުގައި ނަހަމަ ފައިދާތަކެއް ހޯދައިދިން ފަރާތްތައް ހާމަކޮށް ތަހުގީގަށް އެއްބާރުލުން ދޭން ބޭނުންވާ ކަމަށް ނިޝާމާގެ ސިޓީގައިވެ އެވެ.

"ކޮވިޑް-19 އާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތް އިން ހަރަދު ކުރުމުގައި އެހެން ފަރާތްތަކަކަށް ނަހަމަ ފައިދާތަކެއް ހޯދައިދިން ފަރާތްތައް ހާމަކޮށް، މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ހާމަކޮށް ތަހުގީގީ އިދާރާތަކަށް ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދިނުމަށް އަޅުގަނޑު ބޭނުންވާ ކަމުގައި ދަންނަވަމެވެ،" އެ ސިޓީގައި ވެއެވެ.

އޭގެ އިތުރުން ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ރައްކާތެރިކަން ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ވެސް ސިޓިގައި އެދިވަޑައިގެންފައި ވެއެވެ.