Last Updated: April 26, 23:59
Saturday, April 27, 2024
މުނިފޫހިފިލުވުން

ކަންގަނާ ޓްވިޓާ އިން ދާއިމަށް ބޭރުކޮށްފި

ބޮލީވުޑްގެ އެކްޓްރެސް ކަންގަނާ ރަނައުތްގެ ޓްވިޓާ އެކައުންޓްގައި މިއަދު ވީޑިއޯއެއް ހިއްސާކުރިތާ މާ ގިނަ އިރުތަކެއް ނުވެ، އޭނާގެ އެކައުންޓް ދާއިމީކޮށް ސަސްޕެންޑް ކޮށްފިއެވެ.

ވެސްޓް ބެންގޯލްގެ ހާލަތު ހިމެނޭ ގޮތަށް އޭނާ ހިއްސާކުރި ވީޑިއޯގެ ސަބަބުން އޭނާގެ އެކައުންޓް ސަސްޕެންޑް ކުރީކަމަށް ބެލެވޭ ކަމަށް އޭނާވަނީ ބުނެފައެވެ. އޭނާގެ އެކައުންޓް ސަސްޕެންޑް ކުރިއިރު އޭނާގެ ފޮލޯވަރުންގެ އަދަދު ވަނީ 3 މިލިއަނާއި ގާތްވެފައެވެ. ކަންގަނާ ފާހަގަ ކުރެވިފައިވަނީ ޓްވިޓާގައި ޤަވާއިދާއި ޚިލާފަށް ގިނަ ފަހަރު ފޯސްޓްތައް ކުރާ މީހެއްގެ ގޮތުގައެވެ. އެފަދަ ޕޯސްޓްތައް ވަރަށް ގިނަ ފަހަރު ޓްވިޓާއިން ނަގާފައިވާ ކަން ވެސް ފާހަގަ ކުރެވެއެވެ.

ކަންގަނާ ވަނީ އޭނާގެ އެކައުންޓް ސަސްޕެންޑް ކުރުމުން އެކަމާއި ގުޅޭގޮތުން ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ކަންގަނާ ބުނެފައިވަނީ ޓްވިޓާއިން އެ ހާމަކޮށްދިނީ އޭނާގެ ޕޮއިންޓް ކަމަށާއި އެމީހުންނަކީ އެމެރިކާ މީހުން ކަމަށެވެ. އުފެދުމުގައި ދޮން މީހުން އަބަދު ވެސް ބޭނުންވާނީ މުށި ކުލައިގެ މީހުން އަޅުންގެ ގޮތުގައި ހެދުމަށް ކަމަށެވެ. އެމީހުން ބުނަންޖެހޭ ބަހާއި ކުރަންވާ ކަންތައް ވެސް ބުނެދޭންޖެހެނީ އެމީހުން ކަމަށެވެ.

ނަސީބަކުން އޭނާ ބަސްބުނަން އެހެން ޕްލެޓްފޯމްތައް އެބަހުރި ކަމަށާއި، އޭނާގެ ފިލްމުތަކުން އޭނާގެ ހުނަރުން ވެސް އޭނާ ބޭނުންވާ މެސެޖްތައް މީހުންނަށް ބުނެދެވޭނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

2020 ވަނަ އަހަރުގެ އޭޕްރީލް މަހުގައި ކަންގަނާގެ ދައްތަ ރަންގޯލީގެ ޓްވީޓާ އެކައުންޓް ވެސް ސަސްޕެންޑް ކުރިއެވެ. އެއަށް ފަހު އޭނާ ވަނީ އިންސްޓަގްރާމުން ވެސް ބޭރުކޮށްލާފައެވެ.