Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

ރޯމާގެ ކޯޗަކަށް މޮރީނިއޯ ހަމަޖައްސައިފި

އިޓަލީގެ ރޯމާގެ ކޯޗަކަށް ހޯޒޭ މޮރީނިއޯ ހަމަޖައްސައިފިއެވެ.

ރޯމާގެ ކޯޗުކަމަށް މޮރީނިއޯ ހަމަޖައްސާފައިވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ ކްލަބާއެކު މޮރީނިއޯ މަސައްކަތް ފަށާނީ އަންނަ ސީޒަނުން ފެށިގެންނެވެ.

ރޯމާގެ ކޯޗުކަން މިހާރު ކުރަމުން އަންނަނީ ޕައުލޯ ފޮންސެކާ އެވެ. ފޮންސެކާ ވަނީ މި ސީޒަނަށްފަހު ރޯމާގެ ކޯޗުކަން ދޫކޮށްލަން ނިންމާފައިވާކަން ހާމަކޮށްފައެވެ. ރޯމާ މިވަގުތު އޮތީ އިޓާލިއަން ލީގުގެ 7 ވަނައިގައެވެ.

އިންޓަ މިލާން، ރެއާލް މެޑްރިޑް އަދި ޗެލްސީ އާއި މެންޗެސްޓަރ ޔުނައިޓެޑް ފަދަ ކްލަބުތަކަށް ކޯޗުކޮށްދީފައިވާ މޮރީނިއޯ އެންމެފަހުން ކޯޗުކަން ކޮށްދީފައިވަނީ ޓޮޓެންހަމް އަށެވެ. ނަމަވެސް ޓޮޓެންހަމް އިން މި ސީޒަނުގައި ނެރެމުންދާ ދަށް ނަތީޖާތަކުގެ ސަބަބުން މިދިޔަ މަހުގެ މެދު ތެރޭގައި އޭނާ ވަނީ އެ މަގާމުން ވަކިކޮށްފައެވެ.

ރޯމާގެ ކޯޗުކަމާ ހަވާލުވުމަށްފަހު މޮރީނިއޯ ބުނީ އެ ކްލަބުގެ އިސްވެރިންނާއެކު ދެކެވުނު ވާހަކަތަކުން އެ ކްލަބުން ހާސިލުކުރަން ބޭނުންވާ ކަންކަން ސާފުވި ކަމަށާއި އެ ކަންކަމަކީ އޭނާ ވެސް ހާސިލުކުރަން ބޭނުންވާ ކަންކަމާ ދާދި އެއްގޮތް ކަންތައްތަކެއް ކަމަށެވެ.

އަދި އަމާޒަކީ އެންމެން ގުޅިގެން ކާމިޔާބު ޕްރޮޖެކްޓެއް ބިނާކުރުން ކަމަށާއި ރޯމާއާއެކު އަންނަ ސީޒަން ފަށަން ކެތްމަދުވެފައި ހުރި ކަމަށްވެސް މޮރީނިއޯ ބުންޏެވެ.