ހުޅުމާލެ ޖަލާއި، މާލެ ޖަލާއި، މާފުށީ ޖަލުގެ އިތުރުން އައްސޭރި ޖަލުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 78 އަށް އަރާފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.
ކަރެކްޝަންސް އިން މިއަދު އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު ޕޮޒިޓިވްވި މީހުންގެ ތެރެއިން 53 މީހުންނަކީ ޖަލު އޮފިސަރުންނާއި މުވައްޒަފުންނެވެ. އަނެއް 25 މީހުންނަކީ ގައިދީންނާއި ބަންދު މީހުންނެވެ.
ޕޮޒިޓިވް ކޭސްތަކާ ގުޅިގެން 97 ޖަލު އޮފިސަރުންނާއި މުވައްޒަފުން ކަރަންޓީނުކޮށްފައިވާއިރު، 17 ގައިދީއަކާއި ބަންދު މީހުން ވެސް ތިބީ ކަރަންޓީނުގައެވެ.
މިހާތަނަށް އެންމެ ގިނަ އަދަދަކަށް ގައިދީން ޕޮޒިޓިވް ވެފައިވަނީ މާލެ ޖަލުންނެވެ. އެގޮތުން އެ ޖަލުން 25 ގައިދީއަކު ޕޮޒިޓިވް ވެފައިވެއެވެ. އަދި އެންމެ ގިނަ އަދަދަކަށް އޮފިސަރުން ޕޮޒިޓިވް ވެފައިވަނީ މާފުށި ޖަލުންނެވެ. އެއީ 31 މީހުންނެވެ.
ކޮވިޑްގެ ހާލަތު ރާއްޖޭގައި ގޯސްވަމުންދާއިރު، ރާއްޖެއިން މިދިޔަ 24 ގަޑިއިރުތެރޭ އެކަނި ވެސް 580 އަށް ވުރެ ގިނަ ކޮވިޑް ކޭސް ވަނީ ފެނިފައިވެއެވެ. އަދި ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދު 6000 އަށް ވުރެ މައްޗަށް އަރާފައިވާއިރު، ހޮސްޕިޓަލުގައި ފަރުވާދޭ މީހުންގެ އަދަދު އުޅެނީ 170 އިން މަތީގައެވެ.