Last Updated: May 7, 00:19
Thursday, May 6, 2021
ޚަބަރު

ރާއްޖޭގައި މިހާރު ހުރީ ކޮވިޝީލްޑް ވެކްސިންގެ 1700 ޑޯޒު

ރާއްޖޭގައި ބާކީ ހުރީ އިންޑިއާގެ ކޮވިޝީލްޑް ވެކްސިންގެ 1700 ޑޯޒު ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޝީލްޑް ވެކްސިން ސްޓޮކްގައި ބާކީ ހުރީ 1700 ޑޯޒު ކަމަށާއި ޗައިނާގެ ސިނޯފާމް ވެކްސިންގެ ހުރީ 137،000 ޑޯޒު ކަމަށެވެ. އަދި ފައިޒާ ވެކްސިންގެ 4700 ޑޯޒު ސްޓޮކްގައި އެބަހުރި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކޮވިޝީލްޑް ވެކްސިންގެ ސްޓޮކް މަދުވެފައިވާއިރު މި މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި އިންޑިއާ އިން 100،000 ޑޯޒުގެ ވެކްސިން ގެނައުމަށް ހަމަޖެހިފައި އޮތް ނަމަވެސް އިންޑިއާގެ މިހާރު އޮތް ހާލަތުން އެ ތަކެތި ގެނައުމުގައި ދަތިކަމެއް އެބަހުރި ކަމަށް ވިދާޅުވިއެވެ.

އަދި އެކަމާ ގުޅޭގޮތުން ސަރުކާރުން އިންޑިއާގެ އެކި ފަރާތްތަކާ މަޝްވަރާ ކުރަމުންދާ ކަމަށާއި އެގޮތުން ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ކޮވިޝީލްޑް ވެކްސިން ކޮންމެވެސް ވަރަކަށް ލިބޭނެ ކަމަށް އުއްމީދު ކުރެވޭ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކޮވިޝީލްޑް ވެކްސިންގެ ސްޓޮކް މަދުވުމުން މިހާރު ވަނީ އެ ވެކްސިން ޖެހުން މެދުކަނޑާލާފައެވެ.

ރާއްޖެއިން މިހާތަނަށް 298،396 މީހުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވާއިރު، 114،240 މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒު ޖަހާފައެވެ.