Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

ހަ މީހަކު ވެންޓިލޭޓަރުގައި، ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫ ފުރިއްޖެ

ދަރުމަވަންތަ ހޮސްޕިޓަލް - ރާއްޖެއެމްވީ

ކޮވިޑް-19 ގައި ހާލުބޮޑުވާ ބަލިމީހުންނަށް ފަރުވާ ދިނުމަށް ހާއްސަކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 ގެ އައިސީޔޫ ފުރިފައިވާ ކަމަށް އެޗްއީއޯސީން ބުނެފި އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިއަދު އެންމެ ކަންބޮޑުވާ އެއް ކަމެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ ބައްޔަށް ބޭސް ކުރުމަށް ހުރި މެޑިކަލް ފެސިލިޓީތަކުގައި ހުރި އަދަދުތައް ކަމަށެވެ.

އެގޮތުން ޖުމްލަ 200 މީހުން މިވަގުތު ހޮސްޕިޓަލައިޒް ކުރެވިފައިވާ ކަމަށާއި އޭގެތެރެއިން ހަ މީހަކު މިވަގުތު ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ޑީއެޗް 11 ގެ ވެންޓިލޭޓަރުގައި ކަމަށެވެ.

"ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫ ގާތްގަނޑަކަށް މިހާރު މިއޮތީ ފުލްވެފައި. އެއީ އަޅުގަނޑުމެން ކަންބޮޑުވާ ފާހަގަކޮށްލަން ބޭނުންވާ ކަމެއް" މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެއިން މިއަދު 601 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 440 މީހުން ނިސްބަތްވަނީ މާލެ ސަރަހައްދަށެވެ. އަދި އަތޮޅުތެރެއިން 141 ކޭސް ފެނިފައިވާ ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ. މިއަދަކީ އެއް ދުވަހެއްގައި ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވް ދުވަހެވެ. އަދި ފާއިތުވި ދުވަސްތަކުގައި ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު އުޅެނީ 300 އިން މަތީގައެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 31،931 އަށް އަރާފައެވެ. ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 6508 ކޭސް އެވެ.