Last Updated: June 30, 20:43
Monday, June 30, 2025
ޚަބަރު

ރާއްޖޭގައި ކޮވިޑްގެ އާ ވޭރިއަންޓެއް އުޅުން ވަރަށް ގާތް: އެޗްޕީއޭ

ރާއްޖޭގައި ކޮވިޑް-19 ގެ އާ ވޭރިއަންޓެއް އުޅުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޑރ. މުހައްމަދު އަލީ ވިދާޅުވީ ކޮވިޑް ޖެހި ބޮޑުވަރުވަމުންދާ މީހުންގެ ފަރާތުން ފެންނަ އަލާމާތްތަކާއި އަދި އެ ފަރާތްތަކުގެ ފުއްޕާމޭގެ ދެ ފަޅިއަށް ވެސް ވަރަށް ބޮޑަށް އަސަރުކޮށްފައިވާތަން ފެންނައިރު ކޮވިޑްގެ އާ ވޭރިއަންޓެއް އުޅުން ވަރަށް ގާތް ކަމަށެވެ.

އަދި އާ ވޭރިއަންޓެއް އުޅުނު ނަމަވެސް ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނަމަ ރާއްޖޭގައި މި ބަލި މިހާ ވަރަށް ފެތުރިގެން ނުދިޔައީސް ކަމަށް އޭނާ ވިދާޅުވިއެވެ.

"ވޭރިއަންޓެއް އުޅުނަސް، ނެތަސް ކުރަން ހުރި ކަންތައްތަކަކީ އެއް ކަންތައްތައް. މާސްކު އެޅުން، ގައިދުރުކަން ބެހެއްޓުން، ސައިބޯނި ލައިގެން އަތް ދޮވުން ނުވަތަ އަތް ސާފުކުރުން. މިއީ ހަމަ ކުރެވިދާނެ އާދައިގެ ކަންކަން" ޑރ.މުހައްމަދު އަލީ ވިދާޅުވިއެވެ.

ރާއްޖެއިން މިއަދު 601 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 440 މީހުން ނިސްބަތްވަނީ މާލެ ސަރަހައްދަށެވެ. އަދި އަތޮޅުތެރެއިން 141 ކޭސް ފެނިފައިވާ ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ. މިއަދަކީ އެއް ދުވަހެއްގައި ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވް ދުވަހެވެ. އަދި ފާއިތުވި ދުވަސްތަކުގައި ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު އުޅެނީ 300 އިން މަތީގައެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 31،931 އަށް އަރާފައެވެ. ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 6508 ކޭސް އެވެ.