ކ.ހުރާ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި އެންމެން ރަނގަޅުވެއްޖެއެވެ.
ހުރާ އިން ފުރަތަމަ ޕޮޒިޓިވްވީ މިދިޔަ މާޗު މަހުގެ 23 ވަނަ ދުވަހު މާލެއަށް ޑޮކްޓަރަށް ދެއްކުމަށް ފޮނުވާލި ބަލި މީހެކެވެ. އެމީހާ ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެން ހުރާ މޮނީޓަރިން ހާލަތަށް ގެނައުމަށްފަހު މިހާރު ވަނީ އެ ރަށް އާންމު ހާލަތަށް ގެނެސްފައެވެ.
ހުރާގެ ހެލްތް ސެންޓަރުން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، އެ ރަށުން ޖުމްލަ 175 މީހަކު ކޮވިޑަށް ޕޮޒިޓިވް ވިއިރު އެ އެންމެން މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ. ހުރާ އިން ޖުމްލަ 1122 ސާމްޕަލް ނަގާފައިވެއެވެ.
ކޮވިޑްގެ ނުރައްކާ މާލެ އާއި ރަށްތަކުގައި ބޮޑުވެފައިވާއިރު، ރަށްތަކުގައި ކޮވިޑްގެ 1000 އަށް ވުރެ އެކްޓިވް ކޭސް އުޅޭ ކަމަށް އެޗްއީއޯސީން ބުނެއެވެ. އަދި ގިނަ ރަށްތަކެއް ވަނީ މޮނީޓަރިން ހާލަތަށް ގެނެސްފައެވެ.