ކޮވިޑް-19 ހަލުވި މިނެއްގައި ފެތުރެމުންދާ މި ދަނޑިވަޅުގައި ރޯދަ ވީއްލަން ރެސްޓޯރެންޓްތަކަށް ނުދާން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގައި ހިމެނިވަޑައިގަންނަވާ، ޕީޑިއޮޓްރިކް އިންފެކްޝަންސް އެކްސްޕާޓް، ޑރ. ނަޒްލާ މުސްތަފާ ވިދާޅުވެއްޖެއެވެ.
ރާއްޖެއިން އިއްޔެ 601 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، އެކްޓިވް ކޭސްގެ އަދަދު އުޅެނީ 6000 އިން މަތީގައެވެ.
ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ރޭ ޑރ. ނަޒްލާ ވިދާޅުވީ މިވަގުތު ބާރުއަޅަނީ ބޮޑެތި ރޯދަ ވީއްލުންތައް ނުބާއްވައި ގޭގައި ރޯދަ ވީއްލުންތައް ކުރިއަށް ގެންދިޔުމަށް ކަމަށާއި އެގޮތުން ވެކްސިން ނުޖަހާ ކުޑަކުދިން ތިބިއިރު ތަންތަނަށް ގޮސްފައި އަންނައިރު ބަލި ގެންނަނީ ގެއަށް ކަމަށެވެ.
"މިހާރު ބަލާލާއިރު ކޮންމެ މީހެއް ވެސް ދަންނަ ދެ މީހެއް ވަރު ޕޮޒިޓިވް ވެގެން މި އުޅެނީ. އަޅުގަނޑުމެން ތެރޭގައި ވަރަށް ބޮޑަށް ފެތުރިފައި މިވަނީ. އެއްގޮތަކަށް ވެސް އަޅުގަނޑު އިލްތިމާސެއް ނުކުރާނަން ރެސްޓޯރެންޓްތަކަށް ގޮއްސަ ރޯދަ ވީއްލުމާއި ކަންކަން ކުރިއަށްގެންދަން" ޑރ.ނަޒްލާ ވިދާޅުވިއެވެ.
ނަމަވެސް ގޭގައި ރޯދަ ވީއްލުމަށް ދަތި ފަރާތްތައް ވެސް ހުންނާނެކަން ފާހަގަކުރައްވަމުން ނަޒްލާ ވަނީ އެފަދަ ފަރާތްތަކުން ވެސް ޓެކްއަވޭ ނުވަތަ ގައިޑްލައިންގައި ވާގޮތަށް އަމަލުތައް ބަހައްޓައިގެން ރޯދަ ވީއްލުމުގެ ކަންކަން ކުރުމަށް އިސްކަން ދިނުމަށް އިލްތިމާސްކޮށްފައެވެ.
އަދި މި ދުވަސްކޮޅު ނަމްބަރު ތިރިކުރުމަށް މާސްކު ނާޅާ އެއްވާ އެއްވުންތައް މަދުކުރުމަށް ހާއްސަ އިސްކަމެއް ދިނުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ކޮވިޑް ފެތުރެމުންދާތީ އެޗްޕީއޭ އިން ފިޔަވަޅުތައް ހަރުކަށި ކުރި ނަމަވެސް ސައި ހޮޓާ އަދި ރެސްޓޯރެންޓް ފަދަ ތަންތަނުގެ ހިދުމަތަށް ބަދަލު ގެންނަން އެއްވެސް އެންގުމެއް އަންގާފައެއް ނުވެއެވެ.