Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

އޮކްސިޖަން ނުލިބި 24 ގަޑިއިރު ތެރޭގައި 13 މަރު

އިންޑިއާގެ ޗެންނާއީގެ ޗެންގަލްޕައްޓޫ ގަވަންމަންޓް މެޑިކަލް ކޮލެޖް ހޮސްޕިޓަލްގައި ކޮވިޑަށް ފައްސިވެ ހާލު ދެރަވެގެން ފަރުވާދެމުންދިޔަ 13 މީހަކު އޮކްސިޖަން ނުލިބުމުގެ ސަބަބުން 24 ގަޑިއިރު ތެރޭގައި މަރުވެއްޖެއެވެ.

މަރުވި މީހުން ހިމެނެނީ 40 އަހަރާއި 80 އަހަރާއި ދެމެދުގައި ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ. ހޮސްޕިޓަލްގައި އޮކްސިޖަން ނެތުމުގެ ސަބަބުން އެ ކަންބޮޑުވުން ސަރުކާރާއި ހިއްސާކޮށްފައިވާނެ ކަމަށާއި އެހެން ނަމަވެސް ސަރުކާރުން އެ ހޮސްޕިޓަލަށް އޮކްސިޖަން ފޯރުކޮށްދިނުން ލަސްވުމަކީ އެ 13 މީހުން މަރުވުމުގެ އަސްލު ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

ޓަމިލްނާޑޫގެ ހެލްތު ސެކްރެޓަރީ ރާދަކްރިޝްނަން ބުނެފައިވަނީ އެ ދުވަހުގެ އިރު އޮއްސުމާއި ހަމަޔަށް ވެސް މީހުންނަށް ވާ ވަރަށް އޮކްސިޖަން އެ ހޮސްޕިޓަލުގައި ހުރި ކަމަށެވެ. އެހެން ނަމަވެސް ފަހުން ބޭނުން ކުރަން ޖެހުނު އަދަދު އިތުރުވުމުގެ ސަބަބުން އަވަހަށް ހުސްވީ ކަމަށް ވެސް އޭނާ ބުންޏެވެ. އޭނާ އިތުރަށް ބުނެފައިވާ ގޮތުގައި ޓަމިލްނާޑޫގައި ދުވާލެއްގެ މައްޗަށް އޮކްސިޖަން ބޭނުންވާ އަދަދަކީ 440 ކިލޯލީޓަރު ނަމަވެސް ސެންޓަރުން ހިސާބު ހަދާފައިވަނީ އޯޅިގެން 230 ކިލޯލީޓަރު ކަމަށް ބުނެފައެވެ.

އިންޑިއާގައި އޮކްސިޖަން ނުލިބުމުގެ ސަބަބުން ގިނަ އަދަދަކަށް މީހުން ދަނީ މަރުވަމުންނެވެ. އިންޑިއާގެ ހާލަތު ދަނީ ދުވަހެއް ދުވަހަކަށް ގޯސްވަމުންނެވެ.