Last Updated: March 29, 14:00
Friday, March 29, 2024
ކުޅިވަރު

ރެއާލް ކަޓުވާލައި ޗެލްސީ ފައިނަލަށް

ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގެ ދެވަނަ ލެގުގައި ރޭ 2-0 އިން ރެއާލް މެޑްރިޑް ބަލިކުރުމަށްފަހު ޗެމްޕިއަންސް ލީގުގެ ފައިނަލަށް ޗެލްސީ ދަތުރުކޮށްފިއެވެ.

މި ދެ ޓީމު ރެއާލްގެ ދަނޑުގައި ބައްދަލުކުރި ސެމީގެ ފުރަތަމަ ލެގުގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އެހެންކަމުން ޗެލްސީ ފައިނަލަށް ދަތުރުކުރީ 3-1 ގެ އެގްރިގޭޓް ނަތީޖާއިންނެވެ.

ރޭ ކުޅުނު މި މެޗުގައި ޗެލްސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެޓީމުގެ ފުރަތަމަ ގޯލު މެޗުގެ 28 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޓިމޯ ވާނާއެވެ. ވާނާ މި ގޯލު ކާމިޔާބުކުރީ ކައި ހަވެޓްޒް ފޮނުވާލި ހަމަލާއެއް ރެއާލްގެ ގޯލުގެ ދަނޑީގައި ޖެހިފައި ބޭރަށް ނިކުތް ވަގުތު ހުހަށް ހުރެ ބޮލުން ކުރިއަށް ފޮނުވާލައިގެންނެވެ.

ނަތީޖާ އެއްވަރުކޮށްލަން ރެއާލް އިން ފުރަތަމަ ހާފްގައި ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް އެޓީމުން ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި ޗެލްސީގެ ކީޕަރު މެންޑީގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފައެވެ.

އެއް ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ޗެލްސީން ނިންމާލިއިރު، ދެވަނަ ހާފްގައި ޗެލްސީ ދިޔައީ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރަމުންނެވެ. އެގޮތުން ހަވެޓްޒް ބޮލުން ފޮނުވާލި އެއް ހަމަލާ ގޯލުގެ ދަނޑި އަށް އަމާޒުވިއިރު އަނެއް ހަމަލާ ދިފާއުކުރީ ރެއާލްގެ ކީޕަރު ކޯޓުއާއެވެ.

މި ފުރުސަތުތަކުގެ ބޭނުން ނުހިފުނު ނަމަވެސް ޕުލިސިޗް ދިން ޕާހަކުން މެޗުގެ 85 ވަނަ މިނެޓްގައި މޭސަން މައުންޓް ވަނީ ޗެލްސީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ ފައިނަލުން އެޓީމަށް ޖާގައެއް ކަށަވަރުކޮށްދީފައެވެ.

މިއީ ޗެލްސީ މުބާރާތުގެ ފައިނަލަށް ދަތުރުކުރި ތިންވަނަ ފަހަރެވެ. އެޓީމުން ވަނީ 2012 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކޮށްފައެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ޗެލްސީ ނިކުންނާނީ މެންޗެސްޓަރ ސިޓީއާ ދެކޮޅަށެވެ. ފައިނަލް އޮންނާނީ މި މަހުގެ 29 ވަނަ ދުވަހުގެރެއެވެ.