Last Updated: March 29, 10:52
Friday, March 29, 2024
ރިޕޯޓް

އިންތިހާބާއި އިދިކޮޅުގެ އެއްވުންތައް: ހުއްޓުމެއްނެތި ކޮވިޑް ނަމްބަރުތައް މައްޗަށް!

ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް ދުވަހަކަށްވުރެއް ދުވަހެއް އިތުރުވަމުން އަންނައިރު މިކަމާގުޅިގެން ރައްޔިތުންގެ މެދުގައި ވަނީ ނުހަނުބޮޑަށް ނުތަނަވަސްކަން އުފެދިފައެވެ.

މުޅި ރާއްޖޭގެ ޖުމުލަ ނަމްބަރުތަކާއި މާލޭގެ ނަމްބަރުތައް ދަށްނުވެ ހަފްތާއަކަށްފަހު ހަފްތާއެއް އިތުރުވަމުން އަންނައިރު މިކަމުގެ ނުރައްކާ މިވަނީ އިންތިހާ އިތުރުވެފައެވެ. ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ އަދު 7000 އިން މައްޗަށް އަރާފައިވާއިރު އައިސީޔޫ އެނދުތައް ފުރި ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ވަނީ 200 އާ ގާތަށް ގޮށްފައެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ކޮވިޑް ނަމްބަރުތައް މިހާ މައްޗަށް ގޮސްފައިވަނީ ލޯކަލް ކައުންސިލް އިންތިހާބަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީންދިން ލުއި ތަކެވެ. ކަރަންޓީން ނުވެވޭ ގޮތަށް ރަށަށް ގޮސް ވޯޓުލުމަށް ދިން ފުރުސަތަކީ ކޮވިޑް ފެތުރުނު ސަބަބެއް ކަމަށް ގިނަބަޔަކު ދެކެއެވެ. މިއީ ކޮވިޑް ފެތުރެން ދިމާވި ސަބަބަކަށް ވުން އެކަށީގެންވެއެވެ. އެހެންނަމަވެސް މި ނިންމުމަކީ މާލޭގައި ކޮވިޑް ކޮންޓްރޯލުން ނެއްޓެން ދިމާވި ހަމައެކަނި ސަބަބަކަށް ނުވެދާނެއެވެ.

މާލޭގައި ކޮވިޑް ބާރު ސްޕީޑުގައި ފެތުރޭ ސަބަބާއި މެދު ވިސްނާލާއިރު ބައެއް ފަރާތްތަކުން ބުނަނީ އެޗްޕީއޭއިން ފިޔަވަޅުތަކަށް މާ އަވަހަށް ލުއި ދިނީ ކަމަށެވެ. އަނެއްބަޔަކު ދެކޭގޮތުގައި މާލޭގައި އެޗްޕީއޭގެ އެންގުންތަކާއި ހިލާފަށް އިދިކޮޅު ފަރާތްތަކުން ކޮންމެ ދުވަހަކު ބާއްވަމުން ދިޔަ މުޒާހަރާތަކަކީ ވެސް ކޮވިޑް ބާރު ސްޕީޑުގައި ފެތުރެން ދިމާވި އެއް ސަބަބެވެ. ހާއްސަކޮށް އިންތިހާބަށް ފަހު ގިނަބަޔަކު އެއްވެ ގައިދުރުކަމެއް ނެތި ކުރިއަށްގެންދިޔަ މުޒާހަރާތަކަކީ އަދި ރައީސް ޔާމީން ގެޔަށް ބަދަލުކުރުމާ ހަމަޔަށް ކުރިއަށް ގެންދިޔަ އެއްވުންތަކަކީ، މާލޭގެ ހާލަތު ގޯހުން ގޯހަށް ދިޔުމަށް މެދުވެރިވި ސަބަބެއްކަމަށް ބައެއް ފަރާތްތަކުންދެކެއެވެ.

އިދިކޮޅު ފަރާތްތަކުން އެޗްޕީއޭގެ އެންގުންތަކަށް ބޯލެބުމެއް ނެތި ކޮންމެ ރެޔަކުހެން ދިޔައީ އެއްވަމުންނެވެ. އެއްވުންތައް ރޫޅާލުމަށް ފުލުހުން ކޮންމެ ރެއަކު ބުރަކޮށް މަސައްކަތް ކުރަން ޖެހުނު އިރު އެއްވުންތަކާއި ހެދި އެތައް އާއްމުންނަށް ބޮޑު ދަތިތަކެއް ކުރިމަތިވިއެވެ.

ފެށުނީއްސުރެއް ދައްކަމުން އައިވާހަކަ އަކީ މިބަލި ކޮންޓްރޯލް ކުރުމަށް އަމިއްލަޔަށް ކުރަންޖެހޭ ކަންކަން ކުރުމުގެ ވާހަކައެވެ. ގައިދިރުކަން ބެހެއްޓުމާ، މާސްކް އެޅުމާ، ބޭނުމެއްނެތި ބޭރުތެރޭގައި ގިނައިން ނޫޅުމާއި، ރައްކާތެރިކަމެއްނެތި ގިނަ މީހުންނާއި ބައްދަލުނުކުރުމާއި މިފަދަ ކަންކަމަކީ ބަޔަކު ފިޔަވަޅެއް ނޭޅިނަމަވެސް ބަލިން ރައްކާތެރިވުމަށް ތިމާއަށް އެޅެން ހުރި ފިޔަވަޅުތަކެވެ.

ކޮވީޑް-19 ގެ ނުރައްކާތެރިކަން ކުޑަނުވެ ބާރު ސްޕީޑެއްގައި ފެތުރޭއިރު، ދެންވެސް މި ބަލި ކޮންޓްރޯލް ކުރެވެން އޮތް ގޮތަކީ ކުރިއެކޭ އެއްގޮތަށް ފަރުދީ ޒިންމާ އަދާކޮށް ސިއްހީ ހިދުމަތްތެރިންގެ އަޑުއެހުމެވެ. ކަމާގުޅޭ އިދާރާތަކުން އަޅާ ފިޔަވަޅުތަކަށް ބޯލެނބުމާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަމިއްލަޔަށްވެސް އެޅުމެވެ.