Last Updated: March 28, 18:00
Thursday, March 28, 2024
ޚަބަރު

ނަޝީދުގެ ގަރާރު: ބޭރުގެ އެކްސްޕާޓުގެ އެހީ ހޯދައި ހިޔާނާތް ބެލުން ޕާލިމަންޓަރީ ގްރޫޕަށް

މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) ގެ ޚިޔާނާތާއި ގުޅިގެން ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަށް މަސައްކަތް ކުރާނޭ ބޭރުގެ ފަންނީ މާހިރެއް އައްޔަންކޮށް އެފަރާތާއެކު އެމަސައްކަތް ކުރުމުގެ ބާރު އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕަށް ދިނުމަށް އެމްޑީޕީގެ ގައުމީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

މި ގަރާރު އެމްޑީޕީ ގައުމީ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއެވެ.

ރައީސް ނަޝީދު ހުށަހެޅުއްވި ޤަރާރުގައި ބުނެފައިވަނީ ޚިޔާނާތާ ގުޅިގެން ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަށްޓަކައި ދައުލަތުގެ އެކި އިދާރާތަކުން ތަހުގީގު ހިންގަމުންދިޔަ ނަމަވެސް، ފާއިތުވި މުއްދަތުގެ ތެރޭގައި އެކަށީގެންވާ ގޮތަކަށް ތަހުގީގުކުރެވި، ގެއްލިފައިވާ ފައިސާ ހޯދިފައިނުވާތީއާއި، އަދި ޚިޔާނާތުގައި ބައިވެރިވި ފަރާތްތައްވެސް ހޯދިފައިނުވާކަމަށެވެ.

އެމް.އެމް.ޕީ.އާރު.ސީ ގެ ޚިޔާނާތާ ގުޅިގެން ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަކީ އެމްޑީޕީގެ އެންމެ މުހިންމު އެއް ވައުދަށްވެފައި، އެ ހިޔާނާތާ ގުޅިގެން ގެއްލުނު ފައިސާ ހޯދުމަށާއި، ހިޔާނާތުގެ ބައިވެރިން ހޯދުމަށްޓަކައި އެމައްސަލަ ތަހުގީގު ކުރަމުންދަނީ، ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ އާއި އެންޓި – ކޮރަޕްޝަން ކޮމިޝަނާއި އަދި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ކަމުގައިވީނަމަވެސް، އެކަށީގެންވާ އަވަސް މިނެއްގައި އެ ޚިޔާނާތާ ގުޅޭ ތަހުގީގު ހިންގިފައިނުވުމުގެ އިތުރުން، އެ ފައިސާ ހޯދުމަށްވެސް އެކަށީގެންވާ މަސައްކަތެއް ކުރެވެމުންދާތަން ފެންނަމުން ނުދާކަމަށް ރައިސް ނަޝީދުގެ ގަރާރުގައިވެއެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އިތުރުވެފައިވާކަމަށް ވެސް ބުނެފައިވެއެވެ.

ރައީސް ނަޝީގެ ޤަރާރުގައި އިތުރަށް ބުނެފައިވަނީ، 2018 އޮގަސްޓް 26 ގައި ގައުމީ މަޖިލީހުން ފާސްކުރި ގަރާރެއްގެ ދަށުން ބޭރުގެ ފަންނީ ތަޖުރިބާކާރަކު ހޯދައި، އެމް.އެމް.ޕީ.އާރު.ސީ ގެ ޚިޔާނާތާ ގުޅޭ ފައިސާ ދަތުރުކޮށްފައިވާ ގޮތާއި އެފައިސާއާބެހޭ މައުލޫމާތާއި އަދި އެނޫންވެސް އެފަރާތުގެ އެންމެހައި ހޯދުންތައް ސަރުކާރަށް ފޯރުކޮށްދީފައިވީ ނަމަވެސް، އެމައުލޫމާތުގެ އަލީގައި އެފައިސާ ދައުލަތަށް ހޯދުމުގެ މަސައްކަތް އެކަށީގެންވާ ގޮތަށް ކުރެވިފައި ނުވާކަމަށެވެ.

އެހެންކަމުން އެމް.އެމް.ޕީ.އާރު.ސީ ގެ ޚިޔާނާތުގައި ދައުލަތުން ގެއްލިފައިވާ ފައިސާ އަނބުރާ ދައުލަތަށް ހޯދުމުގެ މަސައްކަތް ކޮށްދޭނޭ ބޭރުގެ ފަންނީ މާހިރަކު ހޯދައި އެފަރާތާއެކު ކުރާންޖެހޭ އެންމެހައި މަސައްކަތް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޕާލިމަންޓަރީ ގްރޫޕުން ކުރުމަށް ރައީސް ނަޝީދުގެ ގަރާރުގައި ވެއެވެ.