Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

އިބްރާއަށް ހައްޤު ބަދަލު ދޭންޖެހޭނެ: ރައީސް ނަޝީދު

މަންދު ކޮލެޖްގެ އެއްބަސްވުން ބާތިލު ކުރުމުން އެފަރާތަަށް ލިބެންޖެހޭ ގެއްލުމުގެ ހައްޤު ބަދަލު ދޭންޖެހޭނެ ކަމަށް މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާލުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ އެމްޑިޕީގެ ފަރާތުން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މަންދު ކޮލެޖަށް ބަދަލު ދޭން ނިންމި މައްސަލައާ ގުޅޭގޮތުން ރައީސް ނަޝީދަށް ސުވާލު ކުރިމަތި ކުރުވުމުން އެމަނިކުފާނު ވިދާޅުވީ، އިބްރާހިމް އިސްމާއިލް (އިބްރާ)އަށް ދޭންޖެހޭ ބަދަލު ދޭންޖެހޭނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އިބްރާ ރަނގަޅު ސްކޫލެއް ހިންގަމުން ދަނިކޮށް އެ އެއްބަސްވުން ބާތިލު ކުރީ ގޯހުން ކަމަށާއި، އިބްރާއަށް ހައްޤި ބަދަލު ދޭންޖެހޭނެ ކަމަށެވެ. އަދި ހައްޤު ބަދަލަކީ ޝަރީއަތުން ކަނޑައަޅަންޖެހޭ އެއްޗެއް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މަންދު ކޮލެޖަށް ބަދަލު ދިނުމުގެ މައްސަލައިގައި އެމްޑިޕީގެ ބައެއް މެމްބަރުން އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. އެ ފަރާތްތަކުން ބުނަމުން އަންނަނީ ބަދަލުގެ ގޮތުގައި ސަރުކާރުން މަންދަށް ދިނުމަށް ނިންމާފައިވަނީ މާ ބޮޑު އަދަދެއް ކަމަށެވެ. އަދި އެފަދަ ބޮޑު އަދަދަކަށް އެއްބަސްވުމުން އެކަމާ އެ މެމްބަރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެމްއީއެސް ކުރިން ހިންގި އިމާރާތް މަންދު ކޮލެޖަށް ދޫކުރި އެއްބަސްވުުން ބާތިލްކޮށް، ސަރުކާރުން އެތަން އަތުލި މައްސަލާގައި ގެއްލުމުގެ ބަދަލަށް 15 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުންވަނީ މި ފަހުން ހުކުމް ކޮށްފައެވެ. ސިވިލް ކޯޓުން މިގޮތަށް ހުކުމް ކުރީ އެއްބަސްވުން ބާތިލުކުރީ ގޮތުން ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށް އަދި ބަދަލު ހޯދުމަށް ވަކިން ދައުވާ ކުރެވޭނެކަމަށް ހުކުމް ކުރުމުން، ގެއްލުމުގެ ބަދަލުގެ ގޮތުގައި 18 މިލިއަން ހޯދުމަށް މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ދައުވާ ކުރުމުންނެވެ. އެ މައްސަލައިގައި ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ދައުލަތުން ވަނީ އޭގެ ތެރެއިން 15 މިލިއަން ރުފިޔާ ދޭން އެއްބަސްވެފަ އެވެ. އަދި އެއީ މަންދު ކޮލެޖް އެ އިމާރާތުން ބޭރުކޮށްލުމުން އެހެން ތަނެއް ހޯދަން މިހާތަނަށް ކުރި ޚަރަދުތައްކަން ފާހަގަކޮށްފައިވެއެވެ.