Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

ރާއްޖެޓީވީގެ ވެރިން އެދުނަސް ވައްކަމުގެ ވާހަކަ މަތިނުޖެހޭނެ: ނަޝީދު

ފޮޓޯ: އަވަސް

ރާއްޖެޓީވީގެ ވެރިން އެދުނަސް ވައްކަމުގެ ވާހަކައިގައި މަތިނުޖެހޭނެ ކަމަށް މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެޓީވީގެ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަށް ލޯކަލް ކައުންސިލް އިންތިހާބު ގެއްލުނީ އެމަނިކުފާނުގެ ސަބަބުންކަމަށް ގިނަ ބަޔަކު ނުދެކޭކަމަށެވެ. އަދި އިންތިހާބަށް މަދު ދުވަސްކޮޅަކަށް ވެފައިވަނިކޮށް ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރުމަށް ނިންމިކަން ޕީޖީ އިއުލާނު ކުރުމުން އެވާހަކަ ދައްކަވާނެ ކަމަށާއި، ލިބުނު ވޯޓެއް ލިބުނީވެސް ވައްކަމުގެ ވާހަކަ ދައްކާ އެކަންކަމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވުމުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ވައްކަމަށް ހަމަ އަޅުގަނޑަކަށް ވަރިހަމައެއް ނުކުރެވޭނެ، ތިބޭފުޅުން އެހެން އެދުނަސްވެސް. ރާއްޖެޓީވީން އެހެން އެދިދާނެ. އެކަމަކުވެސް އަޅުގަނޑަކަށް ހަމަ މިކަމެއް ނުކޮށްދެވޭނެ ތިބޭފުޅުންނަކަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖެޓީވީގެ ބޭފުޅުން އެމަނިކުފާނު ވައްކަމުގެ ވާހަކަ ދެއްކުން ހުއްޓާލާ ވައްކަން "މަތިޖެހޭނެ" ގޮތެއް ހޯދަން ބޭނުންވާކަން އެނގޭކަމަށެވެ. އެހެންނަމަވެސް ރާއްޖެޓީވީގެ ވެރިންނަށްވެސް އެކަން ކޮށްދެވެން ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އާދޭހާ އެކީގައި އަޅުގަނޑު މިދަންނަވަނީ އަޅުގަނޑަށް އެކަން ކޮށްދެވޭކަށެއް ނެތް ތީގެން އެއްވެސް ބޭފުޅަކަށް. ތިބޭފުޅާއަކަށްވެސް އަދި ތިބޭފުޅާ ސްޓޭޝަންގެ ވެރިންނަކަށްވެސް. އަޅުގަނޑު މިއަދު ދެރަވޭ، ވަރަށް ދެރަވޭ. އަޅުގަނޑަކަށް ތިބޭފުޅުންނަކަށް އެކަން ކޮށްދެވޭކަށެއް ނެތް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ވައްކަމާއި ދެކޮޅަށް އެއްވެސް އެއްޗެއް ފޮރުވެން ނެތްކަމަށާއި، އެކަމަށް އެދޭތީ ހިތާމަކުރައްވާ ކަމަށެވެ.