Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

ނަޝީދުގެ ހަށިކޮޅުގައި ގިނަ ޒަހަމްތަކެއް، ހޭނައްތައިގެން ފަރުވާދެނީ

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅުގައި ގިނަ ޒަހަމްތަކެއް ހުރި ކަމަށާއި، އެމަނިކުފާނަށް ފަރުވާދެމުން އަންނަނީ ހޭނައްތައިގެން ކަން އިނގިއްޖެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އޭޑީކޭ ހޮސްޕިޓަލަށް ރައީސް ނަޝީދު ގެންގޮސް، ހޭނައްތައިގެން ފަރުވާ ދޭންޖެހުނީ ގިނަ ޒަހަމްތަކެއް ހުރުމުންނެވެ.

ނަޝީދުގެ ހަށިގަނޑުގެ ބޭރުފުށުން ވަރަށް ގިނަ ޒަހަމްތައް ހުރިކަމަށް މައުލޫމާތު ލިބޭއިރު، ޒަހަމްތައް ވަރަށް ގިނަ ކަމަށާއި ޒަހަމްތައް ސާފުކޮށް ބައެއް ޒަހަމްތައް ފަހާފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

އަދި ރައީސް ނަޝީދަށް ހޭނައްތައިގެން ފަރުވާ ދޭންޖެހިފައިވަނީ ޒަހަމްތައް ގިނަ ކަމުން ކަމަށްވެސް މައުލޫމާތުލިބެއެވެ. އެހެންނަމަވެސް އެމަނިކުފާނުގެ އެތެރެހައްޓަށް އެއްވެސް ގެއްލުމެއް ވެފައި ނުވާކަމަށްވެސް މައުލުމާތުލިބެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާގައި އެމަނިކުފާނުގެ ބޮޑީގާޑެއްގެ އިތުރުން އާންމުންގެ މީހަކަށްވެސް އެކިވަރުގެ ޒަހަމްތައް ވެފައިވެއެވެ.

މިހަމަލާގެ ސަބަބުން ސިފައިންގެ އެލާޓް ލެވެލް ވަނީ މަތިކޮށްފައެވެ. އަދި މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވާއިރު ރައީސް ސޯލިހް މިރޭ ސެކިއުރިޓީ ކައުންސިލްގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށްވެސް ވަނީ ނިންމަވާފައެވެ.