އައްޑޫ ސިޓީން އިތުރު ފަސް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އެގޮތުން ޕޮޒިޓިވް ވެފައިވާ ކޭސްތަކުގެ ތެރޭގައި ހިމެނެނީ ހިތަދޫ އިން ދެ ކޭސް، ފޭދޫން އެއް ކޭސް އަދި ހުޅުމީދޫން ދެ ކޭސް އެވެ.
އައްޑޫ އިން އިތުރު ކޮވިޑް ކޭސްތަކެއް ފެނިފައިވާއިރު، މާދަމާ އިން ފެށިގެން އައްޑޫގައި ހަތް ދުވަހުގެ މުއްދަތަށް ކާފިއު ހިންގުމަށް ވަނީ ނިންމާފައެވެ. ކާފިއު ހިންގުމަށް ނިންމާފައިވަނީ ރޭގަނޑު 9 އިން ފަތިހު 4 ޖެހުމާ ހަމައަށެވެ.
ކާފިއުގެ އިތުރުން އިތުރު ފިޔަވަޅުތަކެއް ވެސް މާދަމާ އިން ފެށިގެން އައްޑޫގައި އެޅުމަށް ވަނީ ހަމަޖެހިފައެވެ.
އެ ފިޔަވަޅުތަކުގެ ތެރޭގައި ރެސްޓޯރެންޓު ހޮޓާ ތަކުގައި ޚިދުމަތް ދިނުން ހުއްޓާލުމާއި، އެތަންތަނުން ދެން ޚިދުމަތް ދެވޭނީ ކާފިއު ނޫން ގަޑިތަކުގައި ޑެލިވަރީ އަދި ޓޭކްއެވޭ ޚިދުމަތް އަލުން ފެށުން ހިމެނެއެވެ. އަދި މަގުމަތީގައި ތިން މީހުންނަށް ވުރެ ގިނައިން ތިބުން ވެސް މާދަމާ އިން ފެށިގެން މަނާވާނެއެވެ.
މީގެއިތުރުން ކާފިއު ގަޑިއާއި ތަރާވީހު ނަމާދު ކައިރި ވާތީ ހިފުޒުކޮށް ތަރާވީސް ކުރާ މިސްކިތުގައި 8:50 ވުމުގެކުރިން ތަރާވީހު ނަމާދު ނިންމުމަށް ވަނީ ނިންމާފައެވެ. އަދި ދަމު ނަމާދު ގަޑިއަކީ ކާފިއު ގަޑިއަށް ވުމުން އެގަޑީގައި މިސްކިތަށް ދަމު ނަމާދަށް ދާ ފަރާތްތަކުން ހިނގާފައި ދިއުމަށް އަންގާފައެވެ.