Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ރައީސް ނަޝީދަށް ދިން ރަހުމްކުޑަ ޙަމަލާ ނައިބު ރައީސް ކުށްވެރިކޮށްފި

ރައީސް މުހައްމަދު ނަޝީދަށް މިރޭ ދެވުނު ރަޙުމްކުޑަ ޙަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށް ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިކަމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ނަޝީދާއި އަނިޔާ ލިބުނު އެންމެހާ ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދި ދުޢާ ކުރައްވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހަމަލާ ނަޝީދަށް ދީފައިވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ކަމަށްވާ ގ.ކެނެރީގެ ކައިރީގައި އެއްޗެއް ގޮއްވާލައިގެންނެވެ. މި ހާދިސާ ހިނގާފައިވަނީ ނަޝީދު ކާރު ކޮޅަށް އަރުއްވަނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.

މި ހާދިސާގައި ނަޝީދަށް އަނިޔާވެފައިވާއިރު އެމަނިކުފާނުގެ ސެކިއުރިޓީ އާއި ބައެއް އާންމުންނަށް ވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އެމަނިކުފާނުގެ ފޯނާއި ތުރުކުރައްވައިގެން ހުންނެވި ފައިވާން އޮތީ މަގުމަތީގަ އެވެ.

އޭޑީކޭ ހޮސްޕިޓަލުން ވަނީ ރައީސް ނަޝީދުގެ ހާލުކޮޅު މިހާރު ސްޓޭބަލް ކަމަށް ވިދާޅުވެފައެވެ.