Last Updated: April 26, 23:00
Friday, April 26, 2024
ޚަބަރު

ނަޝީދުގެ ހާލުކޮޅުގެ ފުރިހަމަ މައުލޫމާތު ލިބެންދެން މަޖިލީހުގެ ޖަލްސާ ހުއްޓާނުލާ ކުރިއަށް ގެންދަނީ

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ / މަޖިލިސް

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހާލުކޮޅުގެ ފުރިހަމަ މައުލޫމާތު ލިބެންދެން މަޖިލީހުގެ ޖަލްސާ ހުއްޓާނުލާ ކުރިއަށް ގެންދަން ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ.

މަޖިލީހުން މިފަދައިން ނިންމާފައިވަނީ ދެންމެ ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ. ޖަލްސާގެ ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް އީވާ ވިދާޅުވީ، ނީލޯފަރު ހިނގުމުގައި ބާރުގަދަ އެއްޗެއް ގޮށްވާލުމާ ގުޅިގެން ރައީސް ނަޝީދަށް ލިބުނު ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށެވެ.

"ރައީސް މުހައްމަދު ނަޝީދުގެ ފުރާނަފުޅަށް އަމާޒުކޮށް މިރޭ ދީފައިވާ ޓެރަރިސްޓް ހަމަލާ އަޅުގަނޑުގެ އަމިއްލަ ނަމުގަޔާއި މަޖިލީހުގެ މެމްބަރުންގެ ނަމުގައާއި މަޖިލީހުގެ މުވައްޒަފުންގެ ނަމުގައި ހަރުކަށި އިބާރާތުން ކުށްވެރިކުރަން. މި ފިނޑި ޓެރަރިސްޓް ހަމަލާ ރައްޔިތުންގެ މަޖިލީހުން ކުށްވެރިކުރަން." އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ޒަހަމްތަކަށް އޭޑީކޭގައި ހާއްސަ ޑޮކްޓަރުންގެ ޓީމަކުން ފަރުވާ ދެއްވަމުން އަންނަކަމަށެވެ.

އަދި ރައީސް ނަޝީދުގެ ސިއްހީ ހާލުކޮޅާއި ގުޅޭގޮތުން ޑޮކްޓަރުން އަދި ހޮސްޕިޓަލުން މައުލޫމާތު ހިއްސާކުރާ މިންވަރަކުން އެ މައުލޫމާތު މެމްބަރުންނާއި ހިއްސާކުރާނެ ކަމަށް އީވާ ވިދާޅުވިއެވެ. މި މައްސަލަ ފުލުހުންނާއި އެމްއެންޑީއެފުން ތަހުގީގު ކުރަމުން އަންނަކަން ފާހަގަކޮށް އީވާ ވިދާޅުވީ، އެ މައުލޫމާތުތައްވެސް ލިބެމުން އަންނަވަރަކަށް މެމްބވަރުންނާއި ހިއްސާކުރާނެ ކަމަށެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ ރައީސް ނަޝިދުގެ ސިއްހީ ހާލުކޮޅުގެ ފުރިހަމަ މައުލޫމާތު ލިބެންދެން މަޖިލީހުގެ ޖަލްސާ ހުއްޓާނުލާ ކުރިއަށް ގެންދިއުމަށް ނިންމަވާކަމަށެވެ. މަޖިލީހުގައި މިވަގުތު ބަހުސެއް ހިންގަން ބޭނުންނުވާކަމަށާއި، އެހެންނަމަވެސް މައުލޫމާތު ލިބޭވަރަކުން ހިއްސާ ކުރާނެކަމަށެވެ. އަދި ޖަލްސާ މެދުކަނޑާލި ނަމަވެސް ނިންމާ ނުލާނެ ކަމަށް ވިދާޅުވިއެވެ.