Last Updated: April 26, 17:13
Friday, April 26, 2024
ޚަބަރު

އެޗްޕީއޭގެ ފިޔަވަޅުތަކަށް ބެލުމެއް ނެތި އެމްޑީޕީން ހިތަދޫގައި ވެހިކަލް ބުރެއް ޖަހައިފި

މިއަދު އެމްޑީޕީން ހިތަދޫގައި ބޭއްވި ވެހިކަލް ބުރުގެ ތެރެއިން، ފޮޓޯ: ނައުޓީ

އައްޑޫ ސިޓީގައި ކޮވިޑް ކޭސްތައް އިތުރުވުންދާތީ ހާއްސަ ފިޔަވަޅުތަކެއް އަޅާފައިވަނިކޮށް އެމްޑީޕީއިން މިއަދު ހަވީރު ހިތަދޫގައި ވެހިކަލް ބުރެއް ޖަހައިފިއެވެ.

ރޭ މާލޭގައި، އެއްޗެއް ގޮއްވާލައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް ނަޝީދަށް އަމާޒުކުރި ހަމަލާ ކުށްވެރިކުރުމަށް ކަމަށް ބުނެ އެމްޑީޕީން ވެހިކަލް ބުރަކަށް ނިކުތުމާއި ގުޅިގެން އާއްމު ރައްޔިތުން އަންނަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.

ހިތަދޫގައި ހުންނަ އެމްޑީޕީ އޮފީސް ކުރިމަތިން ވެހިކަލް ބުރު ޖެހުމަށް އާއްމުން އެއްކުރުމަށް ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓުތަކަށްވެސް އާއްމުން ވަނީ ކަންބޮޑުވެ ފާޑު ކިޔާފައެވެ. .

އައްޑޫ ސިޓީގައި ކޮރޯނާ ވައިރަހުގެ ނުރައްކާ ބޮޑުވުމާއި ގުޅިގެން މިރެއިން ފެށިގެން އައްޑޫގައި ވަނީ ކާފިއު ހިންގަން އިއްލާންކޮށްފައެވެ. އަދި މިވަގުތު އައްޑޫ ވަނީ މޮނިޓަރިންގެ ހާލަތުގައެވެ.

އައްޑޫގެ ކޮވިޑު ހާލަތާއި ގުޅޭ ގޮތުން އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އޭއީއޯސީ) އިން ރޭ ބޭއްވި ނޫސް ކޮންފަރެންސްގައި އައްޑޫގެ މޭޔަރ ސޯބެ ވިދާޅުވީ މިއަދުން ފެށިގެން އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނައިން މަގުމައްޗާއި އާއްމުތަންތަނަށް އެއްވުމަކީ މަނާކަމެއް ކަމަށެވެ.
އަދި އެޗްޕީއޭއިން މިއަދުވަނީ އައްޑޫގައި އަޅަން ނިންމާފައިވާ ހާއްސަ ފިޔަވަޅުތަކާއި ގުޅޭ އެންގުން އާއްމުކޮށްފައެވެ. އެ އެންގުމުގައިވާ ގޮތުންވެސް ތިން މީހުންނަށް ވުރެ ގިަނ މީހުން އެއްފަހަރާ މަގުތަކަށާއި އާޢްމު ތަންތަނަށް އެއްވެ އުޅުމަކީ މަނާކަމެކެވެ.

ނަމަވެސް މިއަދު ހަވީރު ބޭއްވި ވެހިކަލް ބުރުގެ އިންތިޒާމްތަކުގައި އިސް ދައުރެއް އަދާކުރި މަންޒަރު ފެނުނީ މިހާރުގެ މޭޔަރ އަބްދުﷲ ސޯދިގު (ސޯބެ) އާއި ދާދި ފަހުން އައްޑޫގެ މޭޔަރަކަށް އިންތިހާބުވި އަލީ ނިޒާރު އާއި ކައުންސިލަށް ހޮވުނު ކައުންސިލަރުންނެވެ.

މިކަމާއި ގުޅިގެން ކަންބޮޑުވުން ފާޅު ކުރި ބައެއް މީހުން ބުނީ ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު ހަމަލާ ކުށްވެރިކޮށް މިއަށް ވުރެ ޒިއްމާދާރު ކަމާއި އެކު ހަރަކާތްތައް އިންތިޒާމް ކުރެވެންޖެހޭނެކަމަށެވެ.

ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރި އެހެން މީހަކު ބުނީ މިފަދަ ބަލިމަޑުކަމެއްގެ ބިރުވެރިކަމުގައި ތިއްބާ މޭޔަރުން، ކައުންސިލަރުން، ފަދަ ބޭފުޅުން އިސްވެ ތިބެ މިއަދު ހަވީރު ޖެހި ބުރަކީ ބަލައިގަނެވޭނެ ބުރެއް ނޫންކަމަށެވެ.