Last Updated: April 20, 11:49
Saturday, April 20, 2024
ރިޕޯޓް

ކުޑަކުދިންގެ ދުވަސް: ހަމައެކަނި ދުވަހުގެ ތަހުނިޔާ ކިޔުމަކުން ނުފުދެއެވެ.

މި އަދަކީ ދިވެހިރާއްޖޭގައި ފާހަގަ ކުރާ ކުޑަކުދިންގެ ދުވަހެވެ. އެހެން އަހަރު ތަކުގައި ކުޑަކުދިންގެ ދުވަސް ސްކޫލްތަކުގައި ކުލަގަދަކޮށް ފާހަގަ ކޮށް ތަފާތު ހަރަކާތްތައް ދުވަހާއި ގުޅުވައިގެން ބާއްވަމުންދާ މަންޒަރު ފެނެއެވެ. އެހެން ނަމަވެސް މުޅިދުނިޔެ ފަހުގެ ތާރީޚެއްގައި ދުށް ބޮޑު ބަލިމަޑުކަން ކަމަށްވާ ކޮރޯނާގެ ޕެންޑަމިކްގެ ސަބަބުން 2020 އަދި 2021 ވަނަ އަހަރު މި ވަނީ އަޅުގަނޑުމެންގެ ކުޑަކުދިންނަށް އެ ދުވަސް އެންމެ އެކަށީގެންވާ ގޮތަށް ފާހަގަ ކުރުމުގެ ނަސީބު ނުލިބިފައެވެ.

ލޮކްޑައުން ނުވަތަ މޮނިޓަރިންގެ ސަބަބުން ސްކޫލަށް ނުދެވި ގިނަ ދުވަސްތަކެއް އެކުދިން މިވަނީ ގޭގައި 4 ފާރުގެ ތެރޭގައި ހޭދަ ކުރަންޖެހިފައެވެ. އެހެން ވުމުގެ ސަބަބުން އެކުދިންގެ މިޒާޖަށް އަންނާނެ ބަދަލު އަޅުގަނޑުމެންގެ ހިތަށް ވެސް ނަގައިނުގަނެވޭނެކަން ޔަގީނެވެ. ނަފްސާނީ ބަލިމަޑުކަމެއްގެ ތެރެއަށް ކުޑަކުދިންތަކެއް ގެނބެމުންދާ މަންޒަރު ފެންނަމުންދާ ކަމީ ހަޤީޤަތެކެވެ. މިއީ ބަލަހައްޓައިގެން ތިބެންވީ ވަގުތެއް ނޫނެވެ. އެކުދިންނަށް މައިންބަފައިންނާއި ގާތް ތިމާގެ މީހުން އަދި މުދައްރިސުންގެ އެހީތެރިކަން ވެސް ބޭނުންވެއެވެ. އެ ވަގުތަކާއި ޙާލަތަކަށް ފެތޭނެހެން ރޭވުންތެރިކަމާއެކު އެކުދިންގެ ކަންތައް ބަލަހައްޓަން ޖެހޭނެއެވެ. އެހީތެރިކަން ފޯރުކޮށްދޭންވާނެއެވެ.

ކުޑަދަރިފުޅަށް އަޅައިލުމާއި ލޯބި ދިނުމާއި، ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީ މައިންބަފައިންގެ ވަރަށް ބޮޑު ޒިއްމާއަކާއި ވާޖިބެކެވެ. ކުޑަކުދިންގެ ޙައްޤުތަކަށް ރައްކާތެރި ނުވުމަކީ ބޮޑު ފާފައެކެވެ. އެ ކުދިންނަށް ލިބިގެންވާ ޙައްޤުތައް ނިގުޅައި ގަތުމުގެ ސަބަބުން މުސްތަޤްބަލް މުޅީން ބަނަވެގެން ދެއެވެ. މިވަގުތު ވިސްނާލަން ޖެހެނީ އަޅުގަނޑުމެންގެ މި މުޖުތަމަޢުގައި ވެސް ކުޑަކުދިންނަށް ތަފާތު ވައްތަރުގެ އަނިޔާ ލިބޭ ކަމެވެ. މި ކަމުގެ ޒިއްމާ އުފުލަން ޖެހޭނީ މައިންބަފައިންނާއި ކުޑަކުދިން ޙިމާޔަތް ކުރަންޖެހޭ ފަރާތްތަކުންނެވެ. ގިނަ ފަހަރަށް ކުޑަކުދިންނަށް އަނިޔާ ދެނީ އެ ކުދިން ޙިމާޔަތްކޮށް ބަލަހައްޓަން ޖެހޭ ފަރާތް ކަމުގައިވާ މައިންބަފައިންނެވެ. ނުވަތަ ތިމާގެ މީހުންނާއި ރަޙުމަތްތެރިންނެވެ. ނުދަންނަ މީހުންގެ ފަރާތުން އަނިޔާ ލިބެނީ ވަރަށް މަދުންނެވެ.

ކުޑަކުދިންނަށް ޖިންސީ އަނިޔާ ލިބެއެވެ. އެކުދިން އެ ވޭނުގައި މުޅި އުމުރު ހޭދަކުރާންޖެހެއެވެ. ކުދިން މަޅީގައި ޖައްސަނީ ނުހަނު މޮޅަށް ރާވައިގެންނެވެ. މިއީ މިހާރު މަދުން ނަމަވެސް ދިވެހިންގެ މުޖުތަމަޢުތަކުން ފެންނަ މަންޒަރުތަކެއް ކަމަށް ވުމާއެކު ކުދިންގެ ކަންތައްތައް ވަރަށް ގާތުން ބަލަންވާނެއެވެ. އެ ކުދިންނަށް އެފަދަ ޢަމަލެއް މީހަކު ހިންގާ ނަމަ ފާހަގަކުރެވޭ ކަންތައްތަކެއްވެއެވެ. ކުއްޖާގެ އުޅުމުން ފާހަގަކުރެވޭ ބައެއް ކަންތައްތަކުގެ ތެރޭގައި، އެކަހަރިވެ އުޅުމާއި، ދެރަވެފައިހުރުމާއި، ރުޅިގަދަވުމާއި، ހާސްވުމާއި ވަރުބަލިވުން ހިމެނެއެވެ. ގިނަގިނައިން ބަނޑުގައި ނުވަތަ ބޮލުގައި ރިއްސާތީ އުޅުމާއި، ތަންމައްޗަށް ކުޑަކަމުދެވުމާއި، ނިދުމުގައި އުނދަގޫވުމާއި، ބިރުވެރި ހުވަފެން ފެނުމަކީ ވެސް ކުދިންގެ ކިބައިން ފެންނަކަންކަމެވެ. ކިރިޔާވެސް ޝައްކުކުރެވޭ ޢަމަލެއް ފެނިއްޖެ ނަމަ އަމިއްލައަށް އެކަން ތަޙްޤީޤް ކުރަންވާނެއެވެ. ފިޔަވަޅު އަޅަންވާނެއެވެ.

ކުޑަކުދިންނަށް ޖިސްމާނީ އަނިޔާ ކުރެއެވެ. ހިތަށް ވެސް ނުގެނެވޭފަދަ ބޮޑެތި ޢަމަލުތައް ހިންގައެވެ. ދިރިއުޅުމުގެ ޙައްޤު ނިގުޅައިގަނެއެވެ. ބުއްދި ފަސްކުރުވައެވެ. ކުދިންނަށް ހަޖޫ ކިޔުމާއި، މަލާމާތްކުރުމާއި، ޖެއްސުންކޮށް ނިކަމެތި ކޮށްލުމަކީ ބޮޑެތި މީހުންކުރާ ނޭދެވޭ ޢަމަލެކެވެ. މިކަމުގެ ސަބަބުން އެ ކުދިންނަށް ވަރަށް ނޭދެވޭ އަސަރެއް ކުރެއެވެ. ދިރިއުޅުން މަތީން މުޅީން ފޫހިވެ ދުނިޔޭގައި އުޅެން ބޭނުންނުވާ ހިސާބަށް ދެއެވެ.

ސްކޫލްތަކުގެ މާހައުލަށް ބަލާއިރު ހަނގާކުރުމުގެ ނުރަނގަޅު އާދަތަކަށް ކުދިން ހޭނިފައިވާ މަންޒަރު ފެނިގެން ދެއެވެ. ހަނގާގެ ޝިކާރައަށް ކުދިން ހަދަމުންދާ މަންޒަރަކީ އެފަދަ ކުދިންގެ މައިންބަފައިންނަށް ކެތްކުރެވޭ ވަރުގެ މަންޒަރު ތަކަކަށް ނުވެއެވެ. މި ފަދަ ކޮންމެ ކަމަކީ ހުރިހާ އެންމެން ވެގެން ހުއްޓުވަންވީ ކަންކަމެވެ. ކުދިންނަށް ވިސްނައިދީ އެކުދިން ރަނގަޅު މަގަށް އަޅުވަންޖެހޭނީ އަޅުގަނޑުމެން ބޮޑެތި މީހުންނެވެ.

ކުޑަކުދިންގެ ކުރިމަގު އުޖާލާކުރެވޭނީ ހުރިހާ ފަރާތްތަކެއް ގުޅިގެން ވާޖިބު އަދާކުރުމަށް ތައްޔާރު ވީމައެވެ. ހަމައެކަނި ކޮންމެ ކުޑަކުދިންގެ ދުވަހަކު ތަހުނިޔާ ކިޔުމަކުން ނުފުދޭނެއެވެ. އެކުދިންގެ މައްޗަށް ބޮޑެތި މީހުންނަށް އޮތް ވާޖިބު ހަނދާންކޮށް އެ ވާޖިބު އަދާކުރަން ޖެހެއެވެ. އެކި ދާއިރާ ތަކުންނެވެ. އެކި ގޮތަށެވެ. އެކި މިންވަރަށެވެ. މިކަންތައް ކުރެވޭނީ އަޅުގަނޑުމެންނަށް ކުޑަކުދިންގެ މަޢުސޫމްކަން ވިސްނުނީމައެވެ.