Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

ހިޔާނާތުގެ މައްސަލަ ބަލާ ކޮމިޓީން އާޒިމް އިސްތިއުފާ ދެއްވައިފި

މެމްބަރު އަލީ އާޒިމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ބަލަމުންދާ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އިސްތިއުފާދެއްވައިފިއެވެ.

މިރޭ ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ އާޒިމްގެ ބަދަލުގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެ ކޮމިޓީއާ އަލުން ގުޅިވަޑައިގަންނަވާނެކަން މަޖިލީހުގެ އިދާރާއިން ކޮމިޓީއަށް އަންގާފައިވާ ކަމަށެވެ. އެހެންކަމުން ކޮމިޓީގައި ދެން އަލީ އާޒިމްގެ ބަދަލުގައި އިންނަވާނީ އީވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އާޒިމް ކޮމިޓީން ވަކިވިއިރު އޭނާ އަކީ އެ ކޮމިޓީގެ ނައިބު މުގައްރިރު ވެސް މެއެވެ. އެ މަގާމަށް މިރޭގެ ބައްދަލުވުމުގައި ވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވަނީ އައްޔަންކޮށްފައެވެ. އޭނާ އައްޔަންކޮށްފައިވަނީ ކޮމިޓީގައި ބައިވެރިވި 13 މެމްބަރުންގެ ވޯޓާއެކުއެވެ.

އާޒިމް ކޮމިޓީން އިސްތިއުފާ ދެއްވާފައިވާއިރު ހިޔާނާތުގެ ލިސްޓު ދިރާސާކުރަމުންދާއިރު، މަސްލަހަތު ފުށުއަރާ އެއްވެސް މެމްބަރެއް ފާހަގަކުރެވިއްޖެ ނަމަ އެ މެމްބަރަކަށް ކޮމިޓީގެ އެ މަސައްކަތުގައި އިތުރަށް ބައިވެރިނުވެވޭގޮތް ހެދުމަށް ދާދިފަހުން ވަނީ ފާސްކޮށްފައެވެ.

ހިޔާނާތުގެ ލިސްޓު މަޖިލީހަށް ލިބުމާއެކު މަޖިލީހުގެ ބައެއް މެމްބަރުންނާއި އާންމުން އަންނަނީ އެ ލިސްޓު ހާމަކުރަން ގޮވާލަމުންނެވެ. އެ ލިސްޓު ކޮމިޓީން ދިރާސާ ކުރަމުން އަންނަނީ ސިއްރުކޮށްގެންނެވެ.