Last Updated: April 20, 13:23
Saturday, April 20, 2024
ރިޕޯޓް

ކައުންސިލް އޮރިއެންޓޭޝަންގައި، ރައްޔިތުން ފެނު އަޑީގައި!

ރެއިން ފެށިގެން އައްޑޫއަށް ކުރަމުންދާ ވިއްސާރާގައި އައްޑޫގެ އެކި އަވަށްތަކުގައި ފެން ބޮޑުވެ ގިނަ ގެތަކަށް ފެން ވަންނަމުންދާ އިރު އަދި އެކަމަށް އެކަށީގެންވާ ހައްލެއް ހޯދައިދިނުމަށް އައްޑޫ ކައުންސިލުން މަސައްކަތް ނުކުރާކަމަށް ބުނެ ބައެއް އާއްމުން ކަންބޮޑުވުން ފާޅު ކުރަންފަށައިފިއެވެ.

ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރި އާއްމު ރައްޔިތަކު ވަނީ ކައުންސިލަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އެމީހާ ކައުންސިލަށް ފާޑުކީ އިއްޔެއިން ފެށިގެން އައްޑޫ ކައުންސިލުން އަލަށް އިންތިހާބުވި ކައުންސިލަރުން ކައުންސިލަށް އަހުލުވެރިކުރުމަށް ކުރިއަށްދާ ދެ ދުވަހުގެ އޮރިއެންޓޭޝަން ޕްރޮގްރާމަށް އަމާޒުކޮށެވެ.

އެމީހާ ސޯޝަލް މީޑިއާގައި ބުނީ "ކީއްކުރާ އޮރިއެންޓޭޝަނެއް، ކަމަށާއި، ދެލޮލަށް ތެބެ ފެނެއި ނުންމަންޒަރަ" ކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ފާއިތުވި 10 އަހަރުގައިވެސް އައްޑޫގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް އެކަށީގެންވާ މަސައްކަތެއް ކުރެވިފައި ނުވެއެވެ. ހާއްސަކޮށް ކައުންސިލްގެ އިސް ނެގުމަށް ހައްލު ކުރެވެން ހުރި ގިނަ ކަންކަންވެސް ހައްލު ކުރެވިފައި ނުވެއެވެ.

ހިތަދޫގެ ފެންބޮޑުވާ ސަރަހައްދުތަކުގައި ފެން މޫދަށް ފޮނުވުމަށް އެޅިފައިވާ ހޮޅިތައް ނުބެލެހެއްޓެއެވެ. އަދި ޕަމްޕް ބަހައްޓައިގެން ފެން ހިއްދަން ޖެހޭ ސަރަހައްދުތަކުގައި ކައުންސިލުން ޕަމްޕު ޖަހަން ފަށަނީ ފެންބޮޑުވެ އާއްމުންގެ ގެތަކަށް ފެންވަދެ ބޮޑު ގެއްލުމެއް ލިބޭ ފަހުންނެވެ.

ކައުންސިލާއި ޕަބްލިކް ވޯކްސް ގުޅިގެން ހައްލު ކުރެވޭނެ އެތައް ކަމެއް ހުރި އިރު އެކަންކަން ހައްލު ކުރުމަށް އައްޑޫ ކައުންސިލުން އެކަށީގެންވާ މަސައްކަތެއް ކުރެވިފައި ނުވެއެވެ.

މިއަދު އޮރިއެންޓޭޝަން ކުރިއަށްދާ އިރު ރައްޔިތުން މިހާރުވެސް ތިބީ ފެނު އަޑީގައެވެ. އެކަން އިންތިހާބުވި ކައުންސިލަރުންނަށްވެސް އެނގޭނެއެވެ. އެކަން ހައްލު ކުރުމަކީ މިހާރު އިންތިހާބުވި ކައުންސިލަށް ކޮންމެހެން ކުރަން ޖެހޭނެ ކަމެއްކަމަށް ގިނަ ރައްޔިތުން ގަބޫލް ކުރެއެވެ.

އައްޑޫގެ ފެންބޮޑުވާ މައްސަލައަކީ ގިނަ އަހަރުތަކެއް ވެފައިވާ ބޮޑު މައްސަލައެެކެވެ. މިގޮތަށް ކުރާ މޫސުމީ ވިއްސާރާގައި ރައްޔިތުންގެ ގިނަ މުދަލަށް ކޮންމެ އަހަރަކު ބޮޑު ގެއްލުމެއް ލިބޭ އިރު ބަދަލުގެ ގޮތުގައި ބައެއް މީހުންނަށް ފައިސާގެ އެހީ ދައުލަތުން ދޭ އިރު ރައްޔިތުންގެ ދިރިއުޅުމަށް އިޔާދަ ނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތައް ދަނީ ލިބެމުންނެވެ.