Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

ފްލައިން ސްކޫލްގެ އިސް ދެ މީހަކަށް ފިޔަވަޅު އަޅަން ރައީސް އަންގަވައިފި

ސުރަންޖަން ޑި ސިލްވާ - ފޮޓޯ: ޕީއެސްއެމް

އައްޑޫ ސިޓީގައި ހިންގާ ފްލައިން ސްކޫލް، އޭޝިޔަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ)ގެ ދެ އިސްވެރިޔަކަށް ފިޔަވަޅު އެޅުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އަންގަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އޭއޭއޭ ގެ މައްސަލަތަކާ ގުޅިގެން ރައީސް މިއަދު ނިންމެވުންތަަކެއް ނިންމަވާފައިވާ ކަމަށެވެ.

އެގޮތުން ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އޯޑިޓްގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން އެ ތަނުގެ ހެޑް އޮފް ޕައިލެޓް ޓްރެއިނިންގ އާއި އެކައުންޓެބަލް މެނޭޖަރގެ މައްސަލަ އިތުރަށް ބަލާ ފިޔަވަޅު އެޅުމަށް ރައީސް އަންގަވާފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ފްލައިން ސްކޫލްގެ ހެޑް އޮފް ޓްރެއިނިންގެ މަގާމު އަދާކުރަމުންދަނީ ސުރަންޖަން ޑި ސިލްވާ އެވެ. އަދި އެކައުންޓެބަލް މެނޭޖަރގެ މަގާމު އަދާކުރަނީ އަލީ އަކްބަރު ސައިފުއްދީން ޖީވަންޖީއެވެ. މީގެތެރެއިން ސުރަންޖަން ދާދިފަހުން ވަނީ އެ ސްކޫލުގައި ކިޔަވާ ދަރިވަރަކަށް، މަރުގެ ތުހުމަތު ވެސް އަޅުވާފައެވެ. އަދި އެ ސްކޫލްގެ ދަރިވަރުންތަކަކަށް އޭނާ ފުރައްސާރަކުރި މައްސަލައެއް ވެސް ފެންމަތިވެފައިވެއެވެ.

މީގެއިތުރުން ރައީސް މިއަދު ވަނީ އެ ސްކޫލްގެ މައްސަލަ ދިގުލައިގެން ދިއުމުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިހުމާލެއް ވޭތޯ ބެލުމަށް މިނިވަން އޯޑިޓެއް ހަދައި، އިހުމާލުވެފައި ވާނަމަ، އިހުމާލުވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ވެސް އަންގަވާފައެވެ.

އަދި އެ ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސް އިން ލޯނު ނަގާފައިވާ ދަރިވަރުންގެ ލޯނު މަތީ ތައުލީމާއި ތަމްރީނު ހޯދުމަށް މިނިސްޓްރީ އޮފް ހަޔާ އެޑީއުކޭޝަން އިން ދޫކުރާ ލޯނުތަކަށް ބަދަލުކުރަން ރައީސް އަންގަވާފައިވާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

މައްސަލަ ބޮޑުވެފައިވާ ފްލައިން ސްކޫލްގައި މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދުއްވާނެ ބޯޓެއް ނެތްއިރު، މުސާރައިގެ މައްސަލައިގައި އެ ސްކޫލްގެ އިންޖިނިއަރުން ވަނީ މަގާމުން އިސްތިއުފާ ދޭން ނިންމާފައެވެ.

މުސާރައިގެ މައްސަލަ އާއި ހެދި ފްލައިން ސްކޫލްގެ އިންޖިނިއަރުންތަކެއް އިސްތިއުފާ ދޭން ނިންމާފައިވާއިރު މުސާރައިގެ މައްސަލައިގައި އެ ސްކޫލްގެ އިންސްޓްރަކްޓަރުން ދާދިފަހުން ވަނީ ހަޅުތާލުކޮށްފައެވެ. އަދި މުސާރަ ނުދޭތީ އެ ސްކޫލްގެ މުވައްޒަފުން މިދިޔަ އަހަރު ވެސް ވަނީ ހަޅުތާލުކޮށްފައެވެ.