ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހިފައިވަނީ އައްޑޫ ސިޓީ ގަމަށް ކަމަށް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން މިއަދު ބުނެފި އެވެ.
މެޓް އޮފީހުން ބުނީ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ކުރަން ފެށި ވިއްސާރަޔާއެކު އިއްޔެ ރާއްޖެ އަށް ހުޅަނގު މޫސުން މިހާރު ފެށިފައިވާ ކަމަށެވެ. އަދި ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހިފައިވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.
އެގޮތުން އެންމެ ގިނައިން ވާރޭ ވެހިފައިވަނީ އައްޑޫ ސިޓީ ގަމަށް ކަމަށާއި އެއީ 164 މިލިމީޓަރުގެ ވާރޭ ކަމަށް މެޓުން ބުނެއެވެ. އަދި އައްޑޫ ސިޓީ ހިތަދޫ އަށް 157 މިލިމީޓަރު، ހުޅުމީދޫ އަށް 130 މިލިމީޓަރުގެ ވާރޭވެހިފައިވާ ކަމަށް މެޓް އޮފީހުން ހާމަކުރެއެވެ.
މީގެއިތުރުން ވެސް ރާއްޖޭގެ އެހެން ހިސާބުތަކަށް ވެސް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް ވަނީ ހިނގާފައެވެ.
މެޓް އޮފީހުން ބުނީ ރާއްޖެއާ ހުޅަނގު އުތުރުން އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ކުރިއަށް އޮތް 24 ގަޑިއިރުތެރޭގައި ބާރުގަދަ ކޮޅިގަނޑަކަށް ބަދަލުވެ އަދި އޭގެފަހުން ތޫފާނަކަށް ވެސް ބަދަލުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ނަމަވެސް ލަފާކުރެވޭ ގޮތުގައި މި ކޮޅިގަނޑު ޖެހެމުންދާނީ އުތުރުހުޅަނގު އުތުރަށް ރާއްޖެއާ ދުރަށް ކަމަށާއި މި ކޮޅިގަނޑާއި ގުޅިގެން ރާއްޖޭގެ އަތޮޅުތަކުގެ މަތީގައި ގިނަ އަދަދަކަށް ބޯ ވިއްސާރަ ވިލާ އުފެދެމުންދާ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
އެގޮތުން ކުރިއަށް ތިން ދުވަހު ވެސް ރާއްޖޭގެ ސަރަހައްދުގައި ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގައި ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.