Last Updated: April 18, 06:09
Thursday, April 18, 2024
ޚަބަރު

އަންކިތާ ކައިވެންޏަށް ތައްޔާރުވަނީ

ހިންދީ ޑްރާމާ ސިލްސިލާ"ޕަވިތްރާ ރިޝްތާ"އިން އާންމުންނަށް މަޝްހޫރު ވެގެންދިޔަ އަންކިތާ ލޯކަންޑޭ އޭނާގެ ލޯބިވެރިޔާ ވިކީ ޖެއިން އާއި ކައިވެންޏަށް ތައްޔާރު ވަމުންދާ ކަމަށް ބުނެފިއެވެ.

އަންކިތާ އާއި ވިވީ ރައްޓެހިވެގެން އުޅޭތާ ތިން އަހަރު ވަނީ ވެފައެވެ. ދާދި ފަހުން ދިން އިންޓަވިއުއެއްގައި އަންކިތާ ވަނީ އޭނާ ބޭނުންވަނީ ރާޖަސްތާނީ ސްޓައިލްގެ ކައިވެންޏެއް ބާއްވަން ކަމަށް ބުނެފައެވެ.

"ކައިވެންޏަކީ ވަރަށް ރީތި އެއްޗެއް. އަހަރެން މިހިރީ އަހަރެންގެ ކައިވެނި ކުރެވެން އުޅޭތީ ވަރަށް ހިތްހަމަޖެހިފަ. އަހަރެން އުއްމީދު މިކުރަނީ އެ ދުވަހަށް. އަހަންނަށް ވަރަށް ކަމުދޭ ޖޭޕޫރް-ޖޯދުޕޫރު ރާޖަސްތާނީ ކައިވެނި ސްޓައިލްތައް. އަދި އަހަރެން ނިންމާނީ ކޮންކަހަލަ ޕްލޭނެއް ކަމެއް ނުނިންމަން." ބޮލީވުޑް ބަބުލްއަށް އަންކިތާ ކިޔައިދިނެވެ.

ވިކީއާއި ގުޅުމުގެ ކުރިން އަންކިތާ ވަނީ އަމިއްލައަށް މަރުވި ކަމަށް ބެލެވިފައިވާ އެކްޓަރ ސުޝާންތް ސިންގް ރާޖްޕޫތުއާއެކު ގިނަ ދުވަސްތަކެއް ވަންދެން ރައްޓެހިވެގެން އުޅެފައެވެ. އަދި އެއީ އޭނާ ވަރަށް ސީރިއަސްކޮށް ގެންދިޔަ ގުޅުމެއް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. އެ ދެމީހުން ވަނީ 6 އަހަރު ވަންދެން ރައްޓެހިވެގެން އުޅެފައެވެ.