Last Updated: June 20, 23:30
Monday, June 21, 2021
ޚަބަރު

އައްޑޫގެ ކޮވިޑު ހާލަތު ބިރުވެރި، ރެންޑަމް ސާމްޕަލްތައް ޕޮޒިޓިވްވަނީ!

ހިތަދޫ ބޮޑު މަގުގައި ރެންޑަމް ސާމްޕަލް ނަގަނީ، ފޮޓޯ: އައްޑޫލައިވް

މިދިޔަ އެޕްރީލް މަހުގެ 28 ވަނަ ދުވަހުން ފެށިގެން އައްޑޫގައި ކޮވިޑު ފެތުރެމުން އަންނަ އިރު ކޮވިޑުގެ ހާލަތު މިވަނީ ބިރުވެރި ދަރަޖައަކަށް ބަދަލުވެފައެވެ.

ފާއިތުވި ދުވަސްތަކުގައި އައްޑޫގެ ކޮވިޑު ކޭސްތައް ޕޮޒިޓިވްވަމުން އައީ ބަލި ޖެހިފައިވާ މީހުންގެ ކޮންޓެކްޓުންގެ ތެރެއިންނެވެ. ނަމަވެސް މިހާރު ބަލކި ޖެހިފައިވާ މީހުން މިވަނީ މުޖްތަމައު ތެރެއިން ފެންނަން ފަށާފައެވެ. ރެންޑަމް ސާމްޕަލް ތަކުން ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެ ކްލަސްޓަރ ތައް މިވަނީ ގިނަވެފައެވެ.

އައްޑޫގެ ކޮވިޑު ހާލަތާއި ގުޅޭ ގޮތުން ކަމާއި ބެހޭ އެއްވެސް ފަރާތަކުން މާބޮޑު މައުލޫމާތެއް މިހާރަކު ހާމައެއް ނުކުރެއެވެ. ހާމަ ކުރާ މައުލޫމާތަކީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ ފޭސްބުކް ޕޭޖުން ރޭގަނޑު 9 އެއްގެ ފަހުން އާއްމުކުރާ ޕޮޒިޓިވްވީ މީހުންގެ އަދަދު ހިމެނޭ ޕޯސްޓު އެކަންޏެވެ.

ރެންޑަމް ސާމްޕަލް އާއި ކްލަސްޓަރ ތައް މީގެ ކުރިން އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން (އޭއީއޯސީ) އިން ގަވާއިދުން ބާއްވަމުން ދިޔަ ނޫސް ކޮންފަރެންސްތަކުގައި ދިޔައީ ރައްޔިތުންނަށް ހާމަކުރަމުންނެވެ. ނަމަވެސް މިހާރު އެކަމެއް ނުކުރެއެވެ. އޭއީއޯސީގެ ހަރަކާތްތަކެއް ކުރާތަނެއް ނުފެނެއެވެ. ރައްޔިތުންނަށް މައުލޫމާތު ދިނުމަށް މިދިޔަ އެޕްރީލް މަހުގެ 28 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ބޭއްވީ އެންމެ ނޫސް ކޮންފަރެންސެކެވެ.

ކޮވިޑުގެ ހާލަތާއި ގުޅޭ ގޮތުން އޭއޯއީސީއިން މައުލޫމާތު ހާމަ ނުކުރާތީ ކަމުގެ އެއްވެސް ސީރިއަސް ކަމެއް އޮތް ކަމަށް ބައެއް މީހުން ގަބޫލެއް ނުކުރެއެވެ. މީގެ ކުރިން ރައްޔިތުން ދިޔައީ މިފަދަ މައުލޫމާތުތައް އަޑުއަހައި، ކަމާއި ބެހޭ ފަރާތްތަކުން ދެމުން ދިޔަ އިރުޝަދުތަކަށް ބޯލަބަމުންވެ.

އައްޑޫގައި މިވަގުތު އެކްޓިވް ކޮވިޑު 152 ކޭސް ހުރި އިރު 4 މީހަކަށް އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓު ކުރެވި ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން އެކަކީ އުމުރުން ދުވަސްވީ މީހެކެވެ. އެމީހާގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ.

އައްޑޫން ކޮންމެ ދުވަހަކު އެތައް ބަޔަކު ޕޮޒިޓިވްވެ، ކޮމިއުނިޓީ ސްޕްރެޑެއް އޮތްއިރު ކަމުގެ އެއްވެސް ސީރިއަސްކަމެއް ކަމާއ ބެހޭ ފަރާތްތަކުގައި ހުރިކަމަށް ނުފެނެއެވެ. އާ ކައުންސިލް ހުވާ ކުރުމަށްފަހު ފާއިތުވީ 3 ދުވަހު ކޮވިޑުގެ ކަންކަމާއި ބެހޭ މައުލޫމާތު އެއްކޮށް ބައްދަލުވުންތައް ބޭއްވި ނަމަވެސް އާ ކައުންސިލަރުންގެ ފަރާތުން ބަލި ކޮންޓްރޯލް ކުރުމާއި ރައްޔިތުން ހޭލުންތެރިކުރުމަށް ކުރާން ނިންމާފައިވާ އެއްވެސް ކަމެއް އަދި ސާފެއް ނުވެއެވެ.

ކޮވިޑު ކަންކަން އައްޑޫގައި ހަރުދަނާ ކުރުމުގެ ވަގުތު މިދަނީ ކުޑަވަމުންނެވެ. ބަލި ޖެހޭ މީހުންނާއި ގިނަބަޔަކު ކޮންޓެކްޓުވަމުން އަންނަ އިރު ބައެއް މީހުން ތެދު މައުލޫމާތު ނުދެއެވެ. މީގެ ސަބަބުން ކޮމިއުނިޓީގައި ބަލި އިތުރަށް ފެތުރުމުގެ ފުރުސަތު ބޮޑުވެއެވެ.

ނިމިގެން ދިޔަ ފެބްރުއަރީ މަހު އައްޑޫން އެންމެ ފުރަތަމަ ކޮވިޑު ކޭސްތަކެއް ފެނުމާއި އެކު އޭރު އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރާއި، ކަމާއި ބެހޭ އިދާރާތަކުން އެޅުއްވި ފިޔަވަޅުގެ ސަބަބުން އައްޑޫން ބަލި ކޮންޓްރޯލް ކުރެވި މަސް ދުވަހުގެ ތެރޭގައި އައްޑޫގައި އަޅާފައިވާ ފިޔަވަޅުތައް އުވާލައި އާއްމު ހާލަތަށް ގެނެވުނެވެ.

އައްޑޫގެ މިހާރު ހާލަތު އޮތް ގޮތުން މިކަން ސީރިއަސްކޮށް ނުނެގިއްޖެނަމަ މާލެ އޮތް ހާލަތަށް ދިއުން ކައިރިއެވެ. މާލޭގައި މިވަގުތު މިވަކނީ ކޮވިޑު ކޮންޓްރޯލުން ނެއްޓިފައެވެ. މާލެއަކުން އަތޮޅުތަކަށް އެއްވެސް އެހީއެއް ވެވޭކަށް ނެތެވެ. ރަށްތައް މިވަނީ އެކަނިއެކަނި ކަންކަން ހައްލު ކުރަންޖެހޭ ހިސާބުގައެވެ. ވީއިރު މިއީ އައްޑޫގެ ހުރިހާ ރައްޔިތުން އެކުގައި ވިސްނައި، ކަމާއި ބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް ބޯލަނބަން ޖެހޭ ވަގުތެވެ. މިކަމުން އަރައިގަނެވޭނީ ހުރިހާ ރައްޔިތުން އެކުގައެވެ.