Last Updated: June 21, 08:57
Monday, June 21, 2021
ޚަބަރު

ބޯޓެއް ވެއްޓި ނައިޖީރީއާގެ ސިފައިންގެ ކޮމާންޑަރާއި އިތުރު 10 ސިފައިން މަރުވެއްޖެ

މަތިންދާ ބޯޓެއް ވެއްޓި އޭގައި ދަތުރު ކުރަމުންދިޔާ ނައިޖީރިއާގެ ސިފައިންގެ ކޮމާންޑަރު ލެފްޓިނެންޓް ޖެނެރަލް އިބްރާހީމް އައްތަހީރް އާއި އިތުރު 10 ސިފައިންގެ މީހުން މަރުވެފައިވާ ކަމަށް އެ ޤައުމުގެ ސިފައިންގެ އޮފިޝަލުން ބުނެފިއެވެ.

އެ ބޯޓު ވެއްޓިފައިވަނީ ހުކުރު ދުވަހު، ކަޑުނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭއަށް ތިރިކުރަން އުޅުމުގެ ތެރޭގައި މޫސުން ގޯސްވުމުގެ ސަބަބުން ކަމަށް ވެސް ކަމާއިބެހޭ އޮފިޝަލުން ބުނެއެވެ. މި ހާދިސާގައި މި 11 ސިފައިންގެ އިތުރުން ބޯޓުގެ ކްރޫ ވެސް ވަނީ މަރުވެފައެވެ.

ނައިޖީރިއާގެ ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ޔަރިމާ ވަނީ މިހާދިިސާ ހިނގާފައިވާކަމުގެ ޚަބަރު އާންމުންނާއި ހިއްސާ ކޮށްފައެވެ. އަދި ހާދިސާ މެދުވެރިވާން ދިމާވި ސަބަބު އެނގުނުހާ އަވަހަކަށް އެކަން ހާމަކޮށްދޭނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

އައްތަހީރު މިހާރު ހުރި މަގާމަށް އޭނާ އައްޔަން ކޮށްފައިވަނީ ބޯކޯ ހަރާމްއާއި ސިފައިންނާއި ދެމެދު ބަދަލު ކުރަމުންދާ ހަމަލާތަކުގައި ސިފައިންނަށް އިތުރު ކުރިއެރުން ދިނުމަށް ރައީސް މުހައްމަދު ބުޚާރީއެވެ.

ބުޚާރީ ވަނީ އައްތަހީރު މަރުވުމުން އެކަމާއި ހިތާމަ ކުރާކަމަށާއި އެއީ ލިބުނު ވަރަށް ބޮޑު ގެއްލުމެއްކަމަށް ވިދާޅުވެ، އާއިލާއާއި ސިފައިންނަށް ތައުޒިޔާ ވިދާޅުވެފައެވެ.