މި ސީޒަނުގެ ޕްރިމިއާ ލީގުގެ ފަހު މެޗުތަކަށް ފަހު، ޗެމްޕިއަން މެންޗެސްޓަރ ސިޓީ އާއި ރަނަރަޕް މެންޗެސްޓާ ޔުނައިޓެޑާއެކު އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އިނގިރޭސިވިލާތުން ވާދަކުރާނެ އަނެއް ދެ ޓީމަކަށް ލިވަޕޫލް އާއި ޗެލްސީ ވެއްޖެއެވެ.
ލިވަޕޫލް އިން އެ ފުރުސަތު ހޯދީ މިރޭ އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލެސްގެ މައްޗަށް 2-0 އިން ކުރި ހޯދައިގެން ލީގުގެ ތިންވަނަ މަގާމާއެކުއެވެ. އަދި ޗެލްސީ މިރޭ ރަށުން ބޭރުގައި އެސްޓަންވިލާ އަތުން 2-1 އިން ބަލިވި ނަމަވެސް އެޓީމަށް ލީގުގެ ހަތަރުވަނަ ލިބުނީ ޓޮޓެންހަމް އަތުން 4-2 އިން ލެސްޓަ ސިޓީ ބަލިވުމާ ގުޅިގެންނެވެ.
ލީގުގެ ފަސްވަނަ އަށް ލެސްޓާ ދިއުމުން އެ ޓީމަށް ފުރުސަތު ލިބުނީ އަންނަ ސީޒަނުގެ ޔުރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުންނެވެ.
އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ނުލިބިދާނެ ކަމުގެ ބީރު ހީވެފައި އޮތް ލިވަޕޫލް މިރޭ ޕެލެސް އަތުން މޮޅުވިއިރު މި މެޗުގައި އެޓީމުގެ ދެ ގޯލުވެސް ކާމިޔާބުކޮށްދިނީ ސަޑިއޯ މާނޭއެވެ. ލިވަޕޫލް އަކީ މިދިޔަ ސީޒަނުގެ ލީގު ޗެމްޕިއަނުންނެވެ.
އަދި ޗެލްސީ މިރޭ އެސްޓަންވިލާ އަތުން ބަލިވިއިރު، އެޓީމުގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ބެން ޗިލްވެލް އެވެ. އެސްޓަންވިލާގެ ދެ ގޯލު ކާމިޔާބުކޮށްދިނީ ޓްރައޯރޭ އާއި ޖެކް ގްރީލިޝް އެވެ.
ޕްރިމިއާ ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޗެމްޕިއަން ސިޓީން ވަނީ 5-0 އިން އެވަޓަންގެ އަތުން މޮޅުވެފައެވެ. ލީގުގެ ދެވަނަ ހޯދި މެންޗެސްޓަރ ޔުނައިޓެޑުން 2-1 އިން ވުލްވްސް ބަލިކުރިއިރު އާސެނަލް އިން ވަނީ ބްރައިޓަންގެ މައްޗަށް 2-0 އިން ކުރި ހޯދާފައެވެ.