Last Updated: March 28, 16:38
Thursday, March 28, 2024
ޚަބަރު

އިޓަލީގައި ކޭބަލް ކާރެއް ވެއްޓި 14 މީހުން މަރުވެއްޖެ

އިޓަލީގެ ޕައިޑްމޮންޓް ސަރަހައްދުގެ މޮއްޓަރޯން ފަރުބަދައިގެ ކައިރީގައިވާ ރިސޯޓް ޓައުންގެ ސްޓްރެއާގައި ފަސިންޖަރުން އުފުލާ ކޭބަލް ކާރެއް ވެއްޓި އެ ވަގުތު އޭގައި ދަތުރު ކުރަމުންދިޔަ 14 މީހުން މަރުވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ އިޓަލީގެ ގަޑިން އާދީއްތަ ދުވަހު 12:30 ގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ހާދިސާ ހިނގި ސަބަބު އަދި ސާފު ވެފައި ނުވެއެވެ. އެހެން ނަމަވެސް އެ ސަރަހައްދުގައި ތިބި ބައެއް މީހުން ބުނެފައިވަނީ ފަރުބަދައިގެ 300މީޓަރު މަތިން އެ ކާރު ދަތުރުކޮށްފައި ދަނިކޮށް ކޭބަލް ކަނޑައިގެން ދިޔައީއެވެ. އެ ވެއްޓިގެން ގޮސް ބިމަށްވުރެ 20 މީޓަރު އުހުގައި ފަރުބަދަ މަތީގައި ޖެހި ފުރޮޅެމުން ގޮސް ހުއްޓުނީ ގަސްތަކެއްގައި ޖެހި ކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުނެއެވެ. އަދި ބާރު އަޑެއް އެ ވެއްޓުމުގެ ކުރިން އިވުނު ކަމަށް ވެސް މީހުން ބުނެއެވެ.

ހާދިސާ ހިނގި ސަރަހައްދަށް ގޮސް މީހުން ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރި ފުލުހުން ވަނީ އެ ކާރު ވަނީ ފުނޑުފުނޑު ވެފައިކަމަށް ބުނެފައެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި އެހެން ގައުމުތަކުގެ މީހުން ވެސް ހިމެނޭ ކަމަށް އެ ސިޓީގެ މޭޔަރު ބުންޏެވެ.

އޮފިޝަލުން ބުނެފައިވާ ގޮތުގައި މި ހާދިސާގައި ސަލާމަތްވީ ކުޑަ ދެކުދިންނެވެ. އެއީ 5 އަހަރާއި 9 އަހަރުގެ ދެކުދިންނެވެ. އެ ދެކުދިން ވަނީ ވައިގެ މަގުން ހޮސްޕިޓަލަށް ގެންދެވިފައި ކަމަށާއި އެހެން ނަމަވެސް ގެންދިޔަ ފަހުން 9 އަހަރުގެ ކުއްޖާ މަރުވެފައިވާ ކަމަށް ވެސް އޮފިޝަލުން ބުނެއެވެ.

5 އަހަރުގެ ކުއްޖާ ހޮސްޕިޓަލަށް ގެންދެވުނު އިރު ހޭހުރި ކަމަށާއި ވަގުތުން ސާޖަރީތަކެއް ހެދުމަށް ތިއޭޓަރަށް ވެއްދުނު ކަމަށް ވެސް އޮފިޝަލުން ބުނެއެވެ. އެ ކުއްޖާގެ ގައިގެ ގިނަ ތަންތަން ވަނީ ބިނދިފައެވެ. އެހެން ހުރިހާ އެންމެން ވެސް ހޮސްޕިޓަލަށް ގެންދެވުނު އިރު ވެސް ވަނީ މަރުވެފައެވެ.