Last Updated: June 20, 23:30
Monday, June 21, 2021
ޚަބަރު

ބްލެކް ފަންގަސް: އިންޑިއާއިން 8800 ވުރެ ގިނަ ކޭސް ރިޕޯޓްކޮށްފި

އިންޑިއާގައި "ބްލެކް ފަންގަސް" ޖެހިގެން 8800 ވުރެ ގިނަ ކޭސް ރިޕޯޓްކޮށްފިއެވެ.

އިންޑިއާގައި މި ބަލި ފެނިފައިވަނީ ކޮވިޑް ޖެހިގެން ރަނގަޅުވާ މީހުންގެ ފަރާތުންނެވެ. މި ބަލިން ރަނގަޅުވަނީ ވަރަށް މަދު ބައެކެވެ. މި ބަލި ޖެހުމުގެ ސަބަބުން އިންޑިއާގައި ގިނަ އަދަދެއްގެ މީހުންގެ ލޯ ވަނީ ނަގާފައެވެ. ޑޮކްޓަރުން ބުނެފައިވާ ގޮތުގައި މި ބަލި ޕޭޝަންޓުން ގައިން ފެނިފައިވަނީ ކޮވިޑް ރަނގަޅުވާތާ 12 ދުވަހާއި 18 ދުވަހާއި ދެމެދުގެ މުއްދަތުގައެވެ.

ފަންގަހުން ޖެހޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ "ބްލެކް ފަންގަސް" ބަލީގައި އާންމު ގޮތެއްގައި ބޮޑުވަރު ވަނީ ދާއިމީ ބައްޔަށް ބޭސް ކުރާ މީހުން ނުވަތަ ބަލިމަޑުކަމެއް ހުންނަ މީހުންނަށެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ބޮލުގައި ރިއްސުމާއި، ހުން އައުމާއި، މޫނުގެ އެއްފަޅި ދުޅަވުން ފަދަ އަލާމާތްތައް ހިމެނެއެވެ.

އިންޑިއާގައި ރިޕޯޓް ކޮށްފައިވާ މި ބަލީގެ ކޭސްތަކުގެ ތެރެއިން 50 އިންސައްތަ ކޭސް ރިޕޯޓް ކޮށްފައިވަނީ ގުޖުރާތާއި މަހާރާޝްތްރާގެ ސަރަހައްދު ތަކުންނެވެ. މިބަލީގައި ރިޕޯޓް ކޮށްފައިވާ 80 އިންސައްތަ ޕޭޝަންޓުންނަށް އަވަހަށް ސާޖަރީ ބޭނުންވާ ކަމަށް ވެސް ހޮސްޕިޓަލް ތަކުން ބުނެއެވެ.

ބްލެކް ފަންގަސް މިހާރު ކޮވިޑަށްވުރެ ބޮޑަށް ޗެލެންޖިންގ ބައްޔަކަށް ވެދާނެ ކަމަށް ބެލެވޭ ކަމަށް އިންޑިއާގެ ޑޮކްޓަރުން ބުނެއެވެ.

ރާއްޖޭގައި ފާއިތުވި ހަފްތާގެ ތެރޭގައި ދެމީހަކަށް މި ބަލި ޖެހުނު ކަމަށް އަޑު ފެތުރުނެވެ. އެހެން ނަމަވެސް ޓެސްޓްތައް ހެދުމަށްފަހު އެއީ އެބަލި ނޫންކަމަށާއި އަދި އެބަލީގެ ޕޭޝަންޓެއް ރާއްޖެއިން ފެނިފައިނުވާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.