ރެއާލް މެޑްރިޑްގެ އެއްވެސް ކުޅުންތެރިއަކށް ފުރުސަތު ނުދީ، އަންނަ މަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ނެގި ސްޕެއިންގެ ސްކޮޑު އިއުލާންކޮށްފިއެވެ.
މިއީ ސްޕެއިންގެ ތާރީހުގައި ވެސް ބޮޑު މުބާރާތަކަށްދާ ސްޕެއިންގެ ސްކޮޑެއްގައި ރެއާލްގެ ކުޅުންތެރިއަކު ނުހިމެނޭ ފުރަތަމަ ފަހަރެވެ.
ސްޕެއިންގެ ސްކޮޑުން ޖާގަ ނުލިބުނު ރެއާލްގެ އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ ތަޖުރިބާކާރު ޑިފެންޑަރު ސާޖިއޯ ރާމޯސް އެވެ. އަނިޔާގެ ގިނަ މައްސަލަތަކެއް މި ސީޒަނުގައި ރާމޯސް އަށް ކުރިމަތިވިއިރު، މިދިޔަ މާޗު މަހުގެ ފަހުކޮޅަށްފަހު އޭނާ ކުޅެފައިވަނީ އެންމެ މެޗެކެވެ.
ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ބުނީ ރާމޯސް ސްކޮޑަށް ނުނަގަން ނިންމި ނިންމުމަކީ އުނދަގޫ ނިންމުމެއް ކަމަށާއި ރާމޯސް އަކީ ގައުމީ ޓީމަށް ވަރަށް ގިނަ ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކުޅުންތެރިއެއް ކަމަށެވެ. އަދި އެ އެހީ ކުރިއަށް އޮތް ތަނުގައި ވެސް ރާމޯސް އަށް ފޯރުކޮށްދެވިދާނެ ކަމަށާއި ނަމަވެސް މިވަގުތު ބަލާނީ ޓީމަށް އެންމެ ރަނގަޅު ގޮތަށް ކަމަށްވެސް އެންރީކޭ ބުންޏެވެ.
ރާމޯސްގެ އިތުރުން މި ސީޒަނުގައި ރެއާލްގައި މޮޅު ކުޅުމެއް ދެއްކި ނާޗޯ ސްކޮޑަށް ނުނެގުމަކީ ވެސް ފާހަގަކޮށްލެވޭ ކަމެކެވެ. ނަމަވެސް މި ސީޒަނުގައި މެންޗެސްޓަރ ސިޓީއާއެކު މަދު މެޗުތަކެއްގައި ކުޅުނު އެރިކް ގާސިޔާ އަށް ވަނީ ސްކޮޑުން ޖާގަ ދީފައެވެ.
މީގެއިތުރުން ދާދިފަހުން ސްޕެއިންގެ ގައުމީ ޓީމަށް ކުޅުމުގެ ހުއްދަ ލިބުނު މެންޗެސްޓަރ ސިޓީގެ ޑިފެންޑަރު އައިމެރިކް ލަޕޯޓް އަށް ވަނީ ސްކޮޑުން ޖާގަ ދީފައެވެ. ފްރާންސަށް އުފަންވި ނަމަވެސް ސްޕެއިންގެ ޓީމަށް ކުޅެން ލަޕޯޓް ޝަރުތު ހަމަވީ އޭނާގެ އާއިލާގެ ބައެއް މެމްބަރުންނަކީ ސްޕެއިން އަށް އުފަން ބަޔަކަށް ވެފައި، ފްރާންސްގެ ގައުމީ ޓީމަށް އެއްވެސް މެޗެއް ލަޕޯޓް ކުޅެފައި ނުވާތީއެވެ.
ސީނިއާ ޓީމާއެކު އިންޓަނޭޝަނަލް މެޗެއް ނުކުޅޭނަމަ ގައުމީ ޓީމު ބަދަލު ކުރުމުގެ އުސޫލު ފީފާގައި އޮވެއެވެ.
ޔޫރޯގައި ސްޕެއިން މިފަހަރު ލައްވާލާފައިވަނީ ގްރޫޕް އީ ގައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ޕޮލެންޑް އާއި ސްވިޑެން އާއި ސްލޮވާކިޔާއެވެ. ގްރޫޕްގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ 15 ގައި ސްޕެއިން ބައްދަލުކުރާނީ ސްވިޑެން އާއެވެ.