ޔޫރޮޕާ ލީގުގެ ފައިނަލްގައި މިރޭ މެންޗެސްޓާ ޔުނައިޓަޑް އަތުން ޕެނަލްޓީ ޖަހައިގެން 11-10 އިން މޮޅުވެ ސްޕެއިންގެ ވިޔަރެއާލް އިން ފުރަތަމަ ފަހަރަށް ޔޫރޮޕާ ލީގު ކާމިޔާބުކޮށްފިއެވެ.
ޕޮލެންޑްގައި މިރޭ ކުޅުނު ފައިނަލްގެ ފުރިހަމަ ވަގުތު ހަމަވިއިިރު ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފައެވެ. އޭގެފަހުން ކުޅުނު އިތުރު ވަގުތުގެ ދެ ހާފްގެ ކުޅުން ނިމުނު އިރުވެސް ނަތީޖާ އަށް ބަދަލެއް އައިސްފައެއް ނުވެއެވެ.
އެގޮތުން މިރޭގެ މެޗުގައި ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ވިޔަރެއާލް އިންނެވެ. މެޗުގެ 29 ވަނަ މިނިޓުގައި ވިޔަރެއާލް އަށް މި ގޯލު ކާމިޔާބުކޮށްދިނީ ޖެރާޑް މޮރޭނޯއެވެ. ނަމަވެސް ދެވަނަ ހާފުގެ ކުރީކޮޅު އެޑިންސަން ކަވާނީ ވަނީ ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މެޗުގެ ނަތީޖާ ނެރުމަށް ކުރިއަށްގެންދިޔަ ޕެނަލްޓީ ޝޫޓް އައުޓްގައި ދެ ޓީމުން ވެސް ވަނީ ފުރަތަމަ 10 ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. އެއާއެކު ދެ ޓީމުގެ ވެސް 11 ވަނަ ޕެނަލްޓީ ޖަހަން ނިކުތީ ކީޕަރުންނެވެ. އެގޮތުން ވިޔަރެއާލްގެ ކީޕަރު ރޫލީ ފޮނުވާލި ބާރު ޕެނަލްޓީ އަމާޒުވީ ގޯލުގެ ކަނާތް ފަރާތު މަތީ ކަނަށެވެ.
ރޫލީ ޕެނަލްޓީ ކާމިޔާބު ކުރުމުން ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެޔާ އަށް އޮތީ ޕެނަލްޓީ ކާމިޔާބު ކުރަން މަޖުބޫރު ވެފައެވެ. ނަމަވެސް ބާރެއް ނެތި ޑެހެޔާ ފޮނުވާލި އެ ޕެނަލްޓީ ރޫލީ ވަނީ މަތަކޮށް ވިޔަރެއާލް އަށް މުބާރާތުގެ ތަށި ކަށަވަރުކޮށްދީފައެވެ.
މިއީ ޔޫރަޕްގެ ކްލަބު ފުޓްބޯޅައިގެ ބޮޑު މުބާރާތެއް ވިޔަރެއާލް އަށް ކާމިޔާބުކުރެވުނު ފުރަތަމަ ފަހަރެވެ. މި މުބާރާތް ކާމިޔާބު ކުރުމުން އެޓީމު މިހާރު ވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ވެސް ކޮލިފައިވެއެވެ. އެގޮތުން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ސްޕެއިންގެ ފަސް ކްލަބެއް ވާދަކުރާނެއެވެ.
އަނެއްކޮޅުން މިއީ ތަށްޓެއް ނުލިބި ޔުނައިޓެޑުން ޖެހިޖެހިގެން ނިންމާލި ހަތަރުވަނަ ސީޒަންކަން ފާހަގަކޮށްލެވެއެވެ.