ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން އެ ކްލަބުގެ ކޯޗުކަމުގެ މަގާމުން ވަކިވާން ނިންމައިފިއެވެ.
ސްޕެއިންގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޒިދާން ވަނީ އޭނާގެ ނިންމުން އިއްޔެ ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އާއި އެ ކްލަބުގެ ކުޅުންތެރިންނަށް އަންގާފައެވެ.
ޒިދާން ރެއާލްގެ ކޯޗުކަމުން ވަކިވާން ނިންމާފައިމިވަނީ އެ ކްލަބާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓުގައި ބާކީ އަދި އެއް އަހަރު އޮއްވައެވެ. މިއީ ޒިދާން ރެއާލްގެ ކޯޗުކަމުން ވަކިވި ދެވަނަ ފަހަރެވެ.
ޒިދާން އެންމެ ފުރަތަމަ ރެއާލް ކޯޗުކަމުން ވަކިވީ 2018 ވަނަ އަހަރުއެވެ. ނަމަވެސް 2019 ވަނަ އަހަރު މާޗް މަހުގައި ޒިދާން ވަނީ އަލުން ރެއާލްގެ ކޯޗުކަމާ ހަވާލުވެފައެވެ. ޒިދާން މިފަހަރު ރެއާލް ދޫކޮށްލާއިރު އެޓީމު މިދިޔަ ސީޒަން ނިންމާލީ ތަށްޓެއް ނުލިބި ހުސްއަތާއެވެ. މިއީ 2011 ވަނަ އަހަރަށްފަހު ތަށްޓެއް ނުލިބި ރެއާލް އިން ސީޒަނެއް ނިންމާލަން ޖެހުނު ފުރަތަމަ ފަހަރެވެ.
ޒިދާންގެ ބަދަލުގައި ރެއާލް އިން ގެންނަން އެންމެ ބޮޑަށް މަސައްކަތް ކުރާނެ ކަމަށް ބެލެވެނީ ޔުވެންޓަސްގެ ކުރީގެ ކޯޗު މަސިމިލިއާނޯ އެލެގްރީ ނުވަތަ އިންޓަ މިލާންގެ ކޯޗުކަމުން ރޭ ވަކިވި އެންޓޯނިއޯ ކޮންޓޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.