Last Updated: June 30, 20:43
Monday, June 30, 2025
ވިޔަފާރި

އަންނަ ހަފްތާ އިން ފެށިގެން ބީއެމްއެލް އިން ކާޑު ދޫކުރާނެ

އަންނަ ހަފްތާގެ އާދީއްތަ ދުވަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރ ސަރވިސް ސެންޓަރ މެދުވެރިކޮށް ކާޑު ދޫކުރުމުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ބޭންކުން ބުނެއެވެ.

ބީއެމްއެލް އިން ބުނީ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 2:00 އާ ހަމަޔަށް މި ސެންޓަރ ހުޅުވާނެ ކަމަށެވެ.

އަދި ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި ހިދުމަތް ދެމުންދާނީ ކިއުބީ މެދުވެރިކޮށް ދޫކުރާ އޮންލައިން ޓޯކަން އަށް ވަކި އަދަދެއްގެ ކަސްޓަަމަރުންނަށް ކަމަށާއި މި ގޮތުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އޮންލައިން ޓޯކަން އާއެކު ޕޮލިސް ޕަރމިޓް އޮންނަ ކަސްޓަމަރުންނަށް ކަމަށް ބޭންކުން ބުނެއެވެ.

ކާޑު ނެގުމަށް ކަސްޓަމަރ ސަރވިސް ސެންޓަރަށް އަންނައިރު މާސްކު އެޅުމަށާއި، ކަސްޓަމަރ ސަރވިސް ސެންޓަރުގައި ފާހަގަކޮށްފައިވާ ނިޝާންތަކާ އެއްގޮތަށް ގައިދުރުކަން ބެހެއްޓުމަށާއި، އަމިއްލަ ގަލަން ގެނައުމުގެ އިތުރުން
ސެނިޓައިޒަރ ބޭނުންކޮށްގެން އަތް ސާފުކުރުމަށް ބޭންކުން އިލްތިމާސްކުރެއެވެ.

ކޮވިޑް-19 ގެ ބަލީގެ ނުރައްކާތެރިކަމަށް ހުށަހެޅޭ މިންވަރު ކުޑަކުރުމުގެ ގޮތުން އުމުރުން ދުވަސްވީ ފަރާތްތަކާއި ހާއްސަ އެހީއަށް ބޭނުންވާ ކަސްޓަމަރުން ކާޑު ނެގުމަށް ބޭންކަށް އަންނަން ނުޖެހޭނެ ކަމަށާއި މި ގޮތަށް ކާޑު ހަވާލުކުރުމަށް އެދޭ ކަސްޓަމަރުން ބޭންކަށް ގުޅުމަށް ވަނީ އެދިފައެވެ.