Last Updated: July 1, 23:03
Wednesday, July 2, 2025
ވިޔަފާރި

ކުނި ނެރުމުގެ އުސޫލަށް ތަބާނުވާތީ މުވައްޒަފުންނަށް އަނިޔާވޭ: ވެމްކޯ

ކުނި ބަންދުކުރުމުގެ މިންގަނޑަށް ބެލުމެއް ނެތި ކުނި ނެރެމުންދާތީ ވެމްކޯގެ މުވައްޒަފުންނަށް އެކި ކަހަލަ ހާނީއްކަ އާއި އަނިޔާތައް ލިބެމުންދާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ވެމްކޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރޭ 11:00 ގައި، މާލެ ސިޓީގެ ގެއަކުން ނެރިފައި ހުރި ޑަސްބިނެއްގައި ބެހެއްޓިފައި އޮތް ކުނި ކޮތަޅެއް ނެގުމުގައި ހަރަކާތްތެރިވި، ވެމްކޯގެ މުވައްޒަފު، އަފްރާހް މޫސާގެ ވާތު އަތަށް ތޫނު ބިއްލޫރި ފަދަ އެއްޗެއް ހެރި، އެ އަތުގެ ނާރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

އަދި މިއަދުގެ ނިޔަލަށް، މާލެ ސަރަހައްދުގައި މަސައްކަތްކުރާ ވެމްކޯގެ މުވައްޒަފުންނަށް މިފަދަ އިތުރު ތިން ހާދިސާއަކާ ކުރިމަތިލާން ޖެހި، އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ވެމްކޯ އިން ބުނެއެވެ.

"މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި މި ކޯޕަރޭޝަނުން މިދަނީ މަސައްކަތުގައި މަސްއޫލުވެ އުޅޭ ކޮންމެ ފަރާތަކަށް ރައްކާތެރިކަމުގެ އަންގި، މާސްކް އަދި އެހެނިހެން އާލާތް ބަރާބަރަށް ފޯރުކޮށްދެމުން. ކަން މިހެންހުރުމާ އެކުވެސް ހިތާމައަކީ، ގިނަ އަދަދެއްގެ ކަސްޓަމަރުން މި ކޯޕަރޭޝަނުން އާންމުކޮށްފައިވާ ކުނި ބަންދުކުރުމުގެ މިންގަނޑަށް ބެލުމެއްނެތި ކުނި ބަންދު ކުރަމުންދިއުން. މީގެ ސަބަބުން، މިކޯޕަރޭޝަންގެ ވެށިފާރަވެރިންނަށް އެކި ކަހަލަ ހާނިއްކަ އާއި އަނިޔާ މެދުނުކެނޑި ލިބެމުންދޭ" ވެމްކޯ އިން ބުންޏެވެ.

ވެމްކޯ އިން ބުނީ ގޭބިސީތަކުން ކުނި ނެގުމަށް އެ ކޯޕަރޭޝަނުން އާންމުކޮށްފައިވާ ކުނި ބަންދުކުރުމުގެ މިންގަނޑަށް ގިނަ ފަރާތްތަކުން އަމަލުނުކުރާ މައްސަލަ އިތުރުވެފައިވާ ކަމަށާއި އެގޮތުން ބިއްލޫރި އާއި ދަގަނޑު އަދި އެހެނިހެން ތޫނު އެއްޗެހި ރަނގަޅަށް ބަންދުނުކޮށް ނެރުމަކީ މިފަދަ ސީރިއަސް ޒަހަމްތަކަށް އެ ކޯޕަރޭޝަންގެ މުވައްޒަފުން ހުށަހެޅުމަށް އޮތް ފުރުސަތެއް ކަމަށެވެ.

އެހެންކަމުން މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ކުނި ބަންދުކުރުމުގައި މިހާރަށް ވުރެ ބޮޑަށް ސަމާލުވުމަށް ވެމްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.