Last Updated: April 20, 19:35
Saturday, April 20, 2024
ދުނިޔެ

އަސަދު ރިޔާސީ ހަތަރުވަނަ ދައުރަކަށް އިންތިހާބުވެއްޖެ

ސީރިޔާގެ ރައީސް ކަމަށް ބައްޝާރުލް އަސަދު، ރިޔާސީ ހަތަރުވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގެންފިއެވެ.

މިދިޔަ ބުދަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުން ސީރިއާގެ ރައީސްކަމުގެ މަގާމުގައި އަސަދު އިތުރު ހަތް އަހަރު ދުވަހަށް ހުންނަވާނެއެވެ.

ސީރިއާގެ ގާނޫނު ހަދާ މަޖިލީހުން އިއްޔެ އިއުލާންކުރި އިންތިހާބުގެ ނަތީޖާތައް ދައްކާގޮތުން އަސަދު ވަނީ އިންތިހާބުގައި ވޯޓުލި މީހުންގެ 95 ޕަސެންޓް ވޯޓު ހޯއްދަވާފައެވެ. އިންތިހާބުގައި ދެން ވާދަކުރެއްވި ސޯޝަލިސްޓް ޔޫނިއަން ޕާޓީގެ ކެންޑިޑޭޓް އަބްދުﷲ ސައްލޫމް އަބްދުﷲ އަށް ލިބިފައިވަނީ 1.5 ޕަސެންޓް ވޯޓެވެ. ދެން ވާދަކުރެއްވި މަހްމޫދު އަހްމަދު މަރާއީ އަށް ލިބިފައިވަނީ 3.1 ޕަސެންޓް ވޯޓެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 78 ޕަސެންޓް މީހުން ވޯޓުލާފައިވާ ކަމަށް ގާނޫނު ހަދާ މަޖިލީހުން ބުނެއެވެ.

އިންތިހާބުން ލިބުނު ކާމިޔާބީއާ ގުޅިގެން އަސަދު ވަނީ ވޯޓު ދެއްވި ފަރާތްތަކަށް ޝުކުރު އަދާކޮށް މާދަމާ އިން ފެށިގެން ގައުމުގެ ކުޑަކުދިންނާއި ޒުވާނުންގެ މުސްތަގުބަލަށްޓަކާ ސީރިޔާ އާރާސްތު ކުރަން މަސައްކަތް ފަށާނެ ކަމަށް ވިދާޅުވެފައެވެ.

އަސަދު ސީރިޔާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވިއިރު، މި އިންތިހާބުގެ ވޯޓުލުން ފެށުމުގެ ކުރިން ވެސް ހުޅަނގު ގައުމުތަކުން ވަނީ އިންތިހާބު އިންސާފުވެރި ނުވާނެ ކަމަށް ބުނެފައެވެ.