Last Updated: April 29, 00:08
Monday, April 29, 2024
ޚަބަރު

ބީއެމްއެލްގެ ކާޑު ސިސްޓަމް އަޕްގްރޭޑް ކުރަނީ

Processed with VSCO with e2 preset

ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކާޑު ސިސްޓަމް އަޕްގްރޭޑު ކުރުމަށް ނިންމައިފިއެވެ.

ބީއެމްއެލް އިން ބުނީ ކާޑު ސިސްޓަމް އަޕްގްރޭޑު ކުރުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވަނީ 3 ޖޫން 2021 ވާ ބުރާސްފަތި ދުވަހުގެ ރޭ 10:00 އިން ފެށިގެން 4 ޖޫން 2021 ވާ ހުކުރު ދުވަހުގެ ހެދުނު 9:00 އަށެވެ.

ބޭންކުން ބުނީ ކަސްޓަމަރުންނަށް ދެމުންދާ ބޭންކިންގ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަކީ އެ ބޭންކުން އެންމެ އިސްކަމެއްދޭ ކަމެއް ކަމަށެވެ. އެގޮތުން ކާޑު ސިސްޓަމް އަޕްގްރޭޑުކުރުމުން ކުރިއަށް އޮތް ތާނގައި ހިދުމަތަށް ގެންނަން ބޭނުންވާ މުހންމު ބަދަލުތައް ގެނެވިގެންދާނެކަމަށެވެ.

ކާޑު ސިސްޓަމް އަޕްގްރޭޑު ކުރެވެމުންދާ ވަގުތުގައި ރާއްޖެއާއި ރާއްޖޭން ބޭރުގައި ލިބޭ ކާޑުގެ ހިދުމަތްތައް ހިމެނޭހެން އޭޓީއެމް، ޕީއޯއެސް، އެމްޕޮސް، މަރޗަންޓް ޕޯޓަލް، ޕޭމަންޓް ގޭޓްވޭގެ އިތުރުން މޮބައިލް ޕޭ ގެ ހިދުމަތް ވަގުތީ ގޮތުން މެދުކެނޑޭނެއެވެ. ނަމަވެސް މި ވަގުތުގައި އިންޓަރނެޓް ބޭންކިންގ އަދި މޮބައިލް ބޭންކިންގެ ހިދުމަތް ލިބޭނެއެވެ.

އަޕްގްރޭޑްގެ މަސައްކަތް ނިމުމުން ކުރިއެކޭ އެއްގޮތަށް ކާޑުގެ ހިދުމަތްތައް ލިބޭނެކަމަށް ބޭންކުން ބުނެއެވެ.

ބީއެމްއެލް އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކާޑުގެ ހިދުމަތްތައް ދެމުންދާ ބޭންކެވެ. އަދި އެ ބޭންކުން އަންނަނީ 2004 ވަނަ އަހަރުން ފެށިގެން އިންޓަރނޭޝަނަލް ކާޑުތަކުގެ ހިދުމަތް ދެމުންނެވެ.