ބަޔާން މިއުނިކަށް ކުޅެމުން އައި އޮސްޓްރިއާގެ ޑިފެންޑަރު ޑޭވިޑް އަލަބާ ރެއާލް މެޑްރިޑަށް ބަދަލުވެއްޖެއެވެ.
އަލަބާ ރެއާލް އަށް ބަދަލުވީ ފްރީ ޓްރާންސްފާއެއްގައި ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ރެއާލްގެ ކުޅުންތެރިއެއްގެ ގޮތުގައި އަލަބާ ދައްކާލުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތަށްފަހު އެވެ. އަލަބާ އަކީ ސެންޓާ ބެކް އަދި ފުލްބެކަށް ވެސް ކުޅޭ ކުޅުންތެރިއެކެވެ.
ބަޔާންގައި 11 އަހަރު ހޭދަކުރި އަލަބާ ވަނީ އެ ކްލަބުގައި ހޭދަކުރި މުއްދަތުގައި 431 މެޗު ކުޅެދީ 20 އަށް ވުރެ ގިނަ ތަށި ކާމިޔާބުކޮށްފައެވެ. އޭގެތެރޭގައި ދެ ޗެމްޕިއަންސް ލީގު ތަށި ވެސް ހިމެނެއެވެ.
އަލަބާ ރެއާލް އަށް ބަދަލުވިއިރު އެ ކްލަބުގެ ކެޕްޓަން އަދި ތަޖުރިބާކާރު ޑިފެންޑަރު ސާޖިއޯ ރާމޯސް ރެއާލް އާއެކު ހަދާފައިވާ ކޮންޓްރެކްޓް އަންނަ މަހު ހަމަވާނެއެވެ. ނަމަވެސް ކޮންޓްރެކްޓް އާކުރުމާ ގުޅޭ ވާހަކަތަކަށް މާބޮޑު ކުރިއެރުމެއް އަދި މިހާތަނަށް ލިބިފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރެއާލްގެ ކޯޗުކަމުން ޒައިނުއްދީން ޒިދާން ވަކިވުމާ ގުޅިގެން އެ ކްލަބުން މިހާރު އަންނަނީ އާ ކޯޗެއް ހޯދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެގޮތުން އެ މަގާމަށް އިންޓަ މިލާނުގެ ކޯޗުކަމުން ދާދިފަހުން ވަކިވި އެންޓޯނިއޯ ކޮންޓޭ ގެނައުމަށް ރެއާލް އިން މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.