Last Updated: July 10, 11:54
Thursday, July 10, 2025
ކުޅިވަރު

އަވޭ ގޯލުގެ އުސޫލު އުވާލަނީ

ޔޫއެފާގެ ކްލަބު މުބާރާތްތަކުގައި ބޭނުން ކުރަމުން އަންނަ އަވޭ ގޯލު އުސޫލު އުވާލަން ޔޫއެފާގެ ކްލަބް ކްލަބް ކޮމްޕެޓިޝަން ކޮމިޓީން އިއްޔެ ފާސްކޮށްފިއެވެ.

އެ ކޮމިޓީން އެގޮތަށް ނިންމި ނަމަވެސް މި ނިންމުމާ މެދު އެންމެފަހުގެ ނިންމުން ނިންމާނީ ޔޫއެފާގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައެވެ. އެ ނިންމުން ފާސްކޮށްފިނަމަ ޗެމްޕިއަންސް ލީގާއި، ޔޫރޮޕާ ލީގު އަދި ޔޫރޮޕާ ކޮންފަރެންސް ލީގުގައި އަވޭ ގޯލު އުސޫލަށް ނުބަލާނެއެވެ.

އަވޭ ގޯލަކީ ދެ ލެގުގެ މެޗުތަކުގައި ނަތީޖާ ކަނޑައެޅުމަށް ބަލާ އުސޫލެކެވެ. އެގޮތުން އެ އުސޫލުގެ ދަށުން ރަށުން ބޭރުގައި ޖަހާ ގޯލުގެ ބުރަދަން އަމިއްލަ ދަނޑުގައި ޖަހާ ގޯލަށް ވުރެ ބޮޑެވެ. މިއީ 1965 ވަނަ އަހަރުގެ ޔުއެފާ ކަޕްވިނާސްކަޕުން ފެށިގެން އަމަލުކުރަމުން އަންނަ އުސޫލެކެވެ.

މި އުސޫލު އުވާލައިފިނަމަ ދެން ބަލާނީ ދެ ލެގުގެ އެގްރިގޭޓް ނަތީޖާ އަށް އެކަންޏެވެ. އަދި އެގްރިގޭޓް ނަތީޖާ އެއްވަރުވެފައިވާނަމަ ދެން ކުޅޭނީ އިތުރު ވަގުތުގެ 15 މިނެޓްގެ ދެ ހާފްއެވެ. އެ ދެ ހާފުން ވެސް ނަތީޖާ އަށް ބަދަލެއް އައިސްފައިނުވާމަ ދެން ދާނީ ޕެނަލްޓީއަށެވެ.

އަވޭ ގޯލުގެ އުސޫލުގެ ސަބަބުން މި ސީޒަނުގެ ޗެމްޕިއަން ލީގުން ޔުވެންޓަސް އާއި މުބާރާތުގެ އެންމެފަހުފެ ޗެމްޕިއަނުން ކަމަށްވާ ބަޔާން މިއުނިކް ވަނީ ކަޓާފައެވެ.

ޔޫއެފާގެ ކްލަބު މުބާރާތްތަކުގައި އަވޭ ގޯލުގެ ބޭނުން ހިފުމާ މެދު ދެވަނަ ވިސްނުމަކަށް ދިއުމަށް ޔޫރަޕުގެ މަތީ ފަންތީގެ ކޯޗުން މީގެކުރިން ވެސް ވަނީ ޔޫއެފާގައި އެދިފައެވެ.